ވެލެންސިއާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ހުރި ކޯޗު މުހައްމަދު އާތިފް (އާތީ)، އެ މަގާމުން އިސްތިއުފާ ދީފިއެވެ.
މާދަމާ ރޭ އޮންނަ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާއިން މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ނުކުންނަ އިރު، މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ވާހަކަ ދެއްކީ މިދިޔަ ސީޒަންގައި އެސިސްޓެންޓް ކޯޗެއްގެ މަގާމުގައި ހުރި އާފިއު މުހައްމަދެވެ.
އާފިއު ބުނީ ސީޒަން ހުޅުވުމުގެ މެޗަށް އަދި ވެލެންސިއާ ތައްޔާރު ނޫން ކަމަށާއި، ޓީމުގެ ތައްޔާރީތަކަކީ މައްސަލައެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ސީޒަން އޯޕަނިން މެޗަށް ތައްޔާރުވާން ޖެހޭ ވަރަށް ވަގުތެއް ނުލިބުނު ތަމްރީނުތަކަކަށް. އެއް މަސް ދުވަހަކީ ޕްރި ސީޒަނެއް ހަދަން އެންމެ ރަނގަޅު ވަގުތެއް ނޫން. އެކަން ފާހަގަކޮށްލަން ބޭނުން. ދަތިތަކެއް އެބަހުރި އެކަމުގެ ސަބަބުން. އެއީ މައްސަލައެއް،" އާފިއު ބުންޏެވެ.
އާފިއު އަކީ މިވަގުތު ވެލެންސިއާއަށް އިރުޝާދު ދޭން ހަވާލުވެ ހުރި ކޯޗެވެ. އޭނާއާއެކު ދެން ކޯޗިން ޓީމުގައި ހިމެނެނީ އިސްމާއީލް އާސިފް (ކުޑަހީނާ) އާއި އިލްމާއު ހުސައިން (މައު) އެވެ.
"އާތީ ކޯޗު އަމިއްލައަށް ވެލެންސިއާއާ ދުރަށް ދާން ވަނީ ނިންމާފައި. މެޗަށް ނުކުންނާނީ ކޯޗިން ޓީމެއްގެ ދަށުން. ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ،" އާފިއު ބުންޏެވެ.
ކޯޗު އާފިއު އިތުރަށް ބުނީ ކުޅުންތެރިން ހަމަވެގެން ފަރިތަކުރުންތައް ކުރިއަށް ގެންދެވުނީ ހަމައެކަނި ދެ ހަފުތާއެއްހާ ދުވަހަށް ކަމަށް ވުމުން ޓީމުގެ ކުޅުންތެރިން އެއް ލެވެލްއަކަށް ގެންނަން އުނދަގޫވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މަގަށް ޓީމުގެ ކުޅުންތެރިން ހޭނެމުންދާ ކަމަށްވެސް އާފިއު ބުންޏެވެ.
މިދިޔަ ސީޒަންގައި ވެލެންސިއާއަށް ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) މި ސީޒަންގައި މާޒިޔާއިން ފެންނަ އިރު، ވެލެންސިއާއިން އިތުރަށް ފެންނާނެ ކުޅުންތެރިންނަކީ މިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީއަށް ކުޅުނު މިޑްފީލްޑަރު އިސްމާއީލް އީސާ އާއި އީގަލްސްއަށް ކުޅުނު އަސްހަދު އަލީ (އަޑުބަރޭ) އެވެ. އެ ކުޅުންތެރިންނާއެކު އަލީ އަޝްފާގު (ދަގަނޑޭ)ވެސް ވެލެންސިއާއިން ފެންނަ އިރު، މިދިޔަ ސީޒަންގައިވެސް ތިބި ބިދޭސީ ކުޅުންތެރިންނާއެކު ޖުމުލަ ހަތަރު ބިދޭސީ ކުޅުންތެރިން ޓީމުގައި އެބަތިއްބެވެ.
މިދިޔަ ސީޒަންގައި ޓީސީއަށް ކުޅުނު ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕަސްލަސް ވެލެންސިއާއާ ގުޅިފައިވާ އިރު، ޚަލީލް ގަމާލްގެ އިތުރުން މާޓިން ބޯހާސްއާއި ޖޯސޭ އެންޓޯނިއޯ ވެސް ވެލެންސިއާއިން ފެންނާނެއެވެ.
އެފްއޭއެމް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާދަމާ ރޭ އޮންނާނީ 9:00 ގައެވެ.
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް