ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ފަސް ދުވަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެެވެ.

މިއަދު ހަވީރު "ވަން" މައުލޫމާތުދެއްވަމުން ފުއާދު ވިދާޅުވީ އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރައްވާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އެކަމަށްޓަކައި ބާއްވާ ބައި އިލެކްޝަންގައި، ގާނޫނުގައި ބުނާ ހުރިހާ ފުރުސަތުތަކެއް ކުރިމަތިލާ ހުރިހާ ފަރާތްތަކަށް ލިބޭނެ ކަމަށެވެ. އެގޮތުން އިންތިހާބަށް ކެމްޕެއިން ކުރުމާއި، މަންދޫބުންނަށް ލިބެންޖެހޭ ހުރިހާ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެރެއިން ސިޔާސީ ޕާޓީތަކާއި މީޑިއާތަކާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ބޭނުންވާ ފާސް ދޫކުރުުމުގެ ކަންތައްވެސް އޮންނާނެ ކަމަށާއި، އިންތިހާބުގެ ސަލާމަތީ ކަންތައްތަކާއި އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އިންތިހާބަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާ ފަރާތްތަކަށް މިހާރުއްސުރެވެސް އެކަމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ހާލުކޮޅު ބޮޑުވެގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް، މެންބަރު ހުސެއިން ވަހީދު އަވަހާރަވީ ރޭގެ ވަގުތެއްގައެވެ.

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ހުސެއިން ވަހީދު ވަނީ ހިދުމަތް ކުރައްވައިފައެވެ. އޭނާ ފާހަގަ ވެފައިވަނީ މަޖިލިސް ތަޅުމުގައި މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ.