ގދ. ވާދޫއިން ދަނޑުވެރިޔަކު ޕޮޒިޓުވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެރަށް މިއަދު މޮނިޓަރިންއަށް ލައިފިއެވެ.

ވާދޫ ކައުންސިލުގެ ނައިބު ރައީސް ހާޝިރު މުހައްމަދު، މިއަދު ހަވީރު "ވަން" ވިދާޅުވީ، ރަށުން ކޮވިޑަށް ފުރަތަމަ ޕޮޒިޓިވްވި ދަނޑުވެރިޔާ ރަށުން ބޭރަށް ނުދާ ކަމަށާއި ރަށުން ބޭރުން އައި މީހާކާ އޭނާއާ ބައްދަލުވެފައިނުވާ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވީ ސީދާ ދުވަހެއް ބުނަން މިވަގުތު ނޭނގޭ ކަމަށް ވެސް ވިދާޅުވިއެވެ.

ވާދޫގައި މިއަދު ހަވީރުގެ ނިޔަލަށް 20 އެކްޓިވް ކޭސް އުޅޭ އިރު، ކޮންޓެކްޓު ޓްރޭސިންއަށް 225 މީހަކު ފާހަގަވެފައިވާ ކަމަށް ހާޝިރު ވިދާޅުވިއެވެ.

ހާޝިރު ވިދާޅުވީ، ކޮންޓެކްޓު ޓްރޭސިންއަށް އިތުރު މީހުން ވެސް ފާހަގަވަމުން އަންނަ ކަމަށާއި، ކޮންޓެކްޓުވާ މިންވަރު މަދުކުރުމުގެ ގޮތުން މިހާރު އެރަށުގައި މަސައްކަތްކުރާ ސަރުކާރު އިދާރާތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބައެއް މުވައްޒަފުން އޮފީހަށް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހާޝިރު ވިދާޅުވީ އެރަށު ހޮސްޕިޓަލުން ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ ހިދުމަތެއް ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި މިވަގުތު ސިއްހީ ހިދުމަތްތެރިންގެ ދަތިކަމެއް ވެސް ކުރިމަތިނުވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން މިވަގުތު 21 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެގޮތުން މޮނިޓަރިންގައި އެންމެ ގިނަ ދުވަސްވެފައިވަނީ އައްޑޫ ސިޓީއެވެ. އެ ސިޓީ މޮނިޓަރިންގައި އޮންނަތާ ހަތަރު މަސް ވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދަކީ 93،246 އެވެ. އޭގެ ތެރެއިން 91،028 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 258 މީހަކު ވަނީ މަރުވެފައެވެ. އެއީ 241 ދިވެހީންނާއި 17 ބިދޭސީންނެވެ.