ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ބުނާ ދެ ޑޮކްޓަރުންގެ ލައިސެންސް ސަސްޕެންޑުކޮށް، އޭގެ ތެރެއިން އެކަކު ވަޒީފައިން ވަކިކޮށްފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު "ވަން" އަށް މިއަދު ވިދާޅުވީ ހެލްތު މިނިސްޓްރީން ފުވައްމުލަކު ހޮސްޕިޓަލަށް ފޮނުވި ސިޓީއެއްގައި، ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑު ކުރި ކަމަށް ބުނެފައިވާ ކަމަށެވެ.

ލިރާރު ވިދާޅުވީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މެޑިކަލް އޮފިސަރެއް ހުސްވި ހަފުތާގެ ތެރޭގައި ވަޒީފާއިން ވަކި ކުރި ކަމަށެވެ. ނަމަވެސް އޭނާ ގައުމަށް އަނބުރާ ފޮނުވައިނުލާ ކަމަށާއި ގައުމަށް އަނބުރާ ދިޔުމާއި ނުދިޔުން އެއީ އަމިއްލަ ކަމެއް ކަމަށެވެ.

ސަދާ މަރުގެ މައްސަލައިގައި ދެ ޑޮކްޓަރެއްގެ އިހުމާލު އޮތް ކަމަށްބުނެ މީގެ ކުރިން ހެލްތު މިނިސްޓްރީން ވަނީ ދެ ޑޮކްޓަރަކު ސަސްޕެންޑު ކޮށްފަ އެވެ. އަދި އެ މިނިސްޓްރީން ހުސްވި ހަފުތާގައި ވަކި ކުރީ އޭގެ ތެރޭގައި ހިމެނޭ ޑޮކްޓަރެއް ކަން އެ ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައެވެ.

ސަދާ މަރުވީ ގަދަޔަށް ބަނޑުގައި ރިއްސަާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިއުމުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ. އަދި ހެލްތު މިނިސްޓްރީގެ ރިޕޯޓުންވެސް އެކުއްޖާއާ މެދު އިހުމާލު ވެފައިވާކަން ވަނީ ހާމަވެފަ އެވެ.