މ. ކޮޅުފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު އިންޑިއާ ޒުވާނާގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށްބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް އާއިލާއިން އެދިއްޖެ އެވެ.
ކޮޅުފުށީ ކައުންސިލް ރައީސް އަބްދުލް އަލީމް "ވަން" އަށް މިއަދު ވިދާޅުވީ ދަންޖެހި މަރުވެފައި ހުއްޓާ މިދިޔަ ބުރާސްފަތިި ދުވަހު ހެނދުނު 9:45 ހާއިރު ފެނިފައިވަނީ އެ ރަށު ސްކޫލުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، ސްވިފްޓް އިންޖިނިއަރިންގެ ކައްކާއެއްގެ ވަޒީފާއަށް ގެނައި އިންޑިއާ މީހެއް ކަމަށެވެ. އަދި އެއީ އުމުރުން 25 އަހަރުގެ މީހެއް ކަމަށާއި އޭނާ ރާއްޖެ އައިތާވެސް ވާނީ 25 ވަރަކަށް ދުވަސް ކަމަށެވެ.
އަލީމް ވިދާޅުވީ އޭނާ ދަންޖެހިފައި ހުރީ އެ ކުންފުނީގެ މަސައްކަތު މީހުން ދިރިއުޅޭތަނުގެ ބަދީގެގައި ކަމަށެވެ. އަދި އެ ތަން ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށާއި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އެ ކުންފުނީގެ މުވައްޒަކަށް ކަމަށެވެ.
"ވަރަށް މީހުން ހޭލަ މޭލައަށް އުޅޭ ވަގުތެއް އެއީ. ދެން އަނެއްހެން އެ ދުވަހު ހެނދު ސައި ބޮއެގެން މަސައްކަތް ކުރާ ދެން ތިބި މުވައްޒަފުން ވީ އެގަޑީގަ ސައިޓަށް ގޮސް. އެތަނުން އެކަކު ފާހާނާއަށް ދާން ބޭނުންވެގެން އައި އިރު ކައްކާ ދަންޖެހިފަ ހުއްޓާ ފެނުނު ކަމަށް އެ ކުންފުނީގެ އިސްކޮށް އުޅޭ މީހަކު ބުނީ. މަރާލާފައި ވާ ފަދަ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް." އޭނާ ވިދާޅުވި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކޮށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއަށް އާއިލާއިން ވަނީ ހުށަހަޅައިފަ އެވެ. އޭގައިވާ ގޮތުން ދަންޖެހިފައި ހުއްޓާ ނަގާފައިވާ ފޮޓޯތަކުން އެއީ "ސްޓޭޖްކޮށްފައިވާ މަންޒަރެއް" ކަމަށް ބެލެވޭ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ތުހުމަތު ކޮށްފައި ވަނީ މަރާލުމަށްފަހު ދަންޖައްސާފައިވާ ކަމަށެވެ.
މި ތުހުމަތުތަކާ ގުޅިގެން އަލީމް ވިދާޅުވީ މިފަދަ ކަމެއް ކުރާނެ މީހަކު އެރަށުގައި އުޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަރުވެފައި އޮތް މީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
"މި ބުނި ފާހާނައަށް އައި މުވައްޒަފު އޭނާ މަރާލީ ކަމަށް ވެދާނެޔޭ އަޅުގނަޑު ބުނިން ކުންފުނީގެ ބޮޑު މީހާ ގާތު. ބުނީމަ ބުނީ އެހާ ވަގުތެއް ނުވާނެ ކަމަށް. އެތަނުގައި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް. އަދި ދުވަހަކުވެސް އަރައިިރުން ވެ ދެބަސްވެފައި ނުވާ ކަމަށް ބުނީ. ދެން އަނެއްކާ މި ބުނާ މީހާ ދިޔަތާ މާގިނަ އިރެއް ނުވެ ގުޅާފަ ބުނީ ކައްކާ ދަންޖެހި މަރުވި ވާހަކަ. ދެން އޭނާއަށް މަރާލާނެ ވަގުތެއް ނުވާނެ ކަމަށް އެ މީހުން ބުނަނީ." އޭނާ ބުންޏެވެ.
އަލީމް އިތުރަށް ވިދާޅުވީ އެމީހާ ކޮޅުފުށިގައި މަސައްކަތް ކުރަން ފެށީއްސުރެވެސް ހުންނަނީ ވަރަށް މަޑު މަޑުން ކަމަށް އެތާގެ ބޮޑުމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫން އެހެން އެއްޗެއް ނުބުނާނެ ކަމަށާއި އޭނާގެ ފަރާތުން އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށް ބޮޑު މިހާ ބުނި ކަމަށް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް ވިދާޅުވީ އަމިއްލައަށް މަރުވާ މައްސަލަތަކުގެ އެއްވެސް މައުލޫމާތެއް މީގެ ކުރިންވެސް ހިއްސާ ނުކުރާ ކަމަށާއި އެހެން ކަމުން މި މައްސަލައިގެ މައުލޫމާތުވެސް ހިއްސާ ކުރެވެން ނެތް ކަމަށެވެ. އާއިލާއިން މި މައްސަލަ ތަހުގީގު ކުރުމަށް އެދުނުތޯ ތަކުރާރުކޮށް އެހުމުންވެސް ވަކި ޖަވާބެއް ނުދެ އެވެ.
ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި މިފަދަ ހުރިހާ މަރަކީވެސް ފުލުހުން ތަހުގީގު ކުރާ މަރުތަކެވެ. އެއީ އާއިލާއިން އެދުނަސް ކުރާ ކަމެކެވެ.
ޚަބަރު
ޚަބަރު