މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާ އިރު، 94 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ އިރު، މިއަހަރުގެ ނޮވެމްބަރު މަހު އެ އަދަދު ވަނީ ހަތަރު ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އޭގެ އިތުރުން ފާއިތުވި ނޮވެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލައި އިރު، 17 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 276 މިލިއަން ރުފިޔާ ދައުލަތަށް ލިބުނު އިރު، މިއަހަރު ލިބުނު އާމްދަނީ ވަނީ 322 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޮމާން، ޔޫއޭއީ އަދި އިންޑިއާއެވެ. އެގޮތުން ޗައިނާއިން 603 މިލިއަން ރުފިޔާ އެތެރެކޮށްފައިވާ އިރު، އޮމާން އިން 529 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ޔޫއޭއީން 463 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 460 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އެތެރެކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު