ރާއްޖޭގައި ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއު ފުވައްމުލަކުގައި ފަށަން ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ފުވައްމުލަކު ސިޓީގެ ހާފިޒު އަހުމަދު ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕެއާ ވިންތާ ލާސަންއެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް އިފުތިތާހުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ނެދަލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓާންޔާ ގޮންގްރިޖްއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި މަޝްރޫއަކީ ޒަމާނުއްސުރެ ފުވައްމުލަކު ސިޓީގެ ރައްޔިތުން އިންތިޒާރުކުރަމުން އައި މަޝްރޫއެއް ކަމަށެވެ.
އެގޮތުން މިއަދު އަމަލީ މަސައްކަތް ފެށިގެން ދިޔަ މި މަޝްރޫއަކީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ފެށިގެން ފެށުމަށް މަސައްކަތްކުރަމުންދިޔަ މަޝްރޫއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތާ ހަމައަށް އާދެވުނީ ދިހަ އަހަރުގެ ދަތުރަކަށް ފަހުގައި ކަމަށެވެ.
އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުން ޕްރޮޕޯސަލް ފޮނުވައިގެން ހިންގަން މަސައްކަތް ފެށި މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މަސައްކަތް ކުރިއަށް ނުދިޔަ ކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އެގޮތުން މި މަޝްރޫއަށް 300 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
ޖުމުލަ ތިން 300 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 606 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ނެދަލެންޑްސް ސަރުކާރުގެ ހިލޭ އެހީ އާއި ކުވެއިތު ފަންޑުގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.