Close
ޚަބަރު

ރައީސް ގެންދަވަނީ ރާއްޖެއަށް ތަރައްގީގެ އިންގިލާބީ ބަދަލުތަކެއް ގެންނަވަމުން: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފެނިގެން ދަނީ އަތޮޅުތެރެއަށާއި މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ތަރައްގީގެ އިންގިލާބީ ބަދަލުތަކެއް ގެންނަވަމުންދާ ބޭފުޅެއްގެ ގޮތުގައި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިރޭ ފުވައްމުލަކު ސިޓީގެ ހާފިޒު އަހުމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފައިސަލް ވިދާޅުވީ ރާއްޖޭގެ ކުދި ރަށްތަކާއި ބޮޑެތި ރަށްތަކުގައި މި ސަރުކާރުން ހިންގަމުންގެންދާ މަޝްރޫއުތަކަށް މިއަދު ނަޒަރު ހިންގާލަންޖެހޭ ކަމަށެވެ.

"ކުރުގޮތަކަށް އަޅުގަނޑު ދަންނަވާލާނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަތޮޅުތެރެއަށް އިންގިލާބީ ބަދަލުތަކެއް، ތަރައްގީ އެހެން ހިސާބަކަށް ގެންދަވާ ބޭފުޅެއްގެ ގޮތުގައި،" ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަޝްރޫއުތައް ހިންގަމުން ގެންދާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ތަރައްގީގެ މަޝްރޫއެއް ނުހިނގާ އެއްވެސް ރަށެއް ނެތް ކަމަށެވެ.

ފައިސަލް ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުންނަށް ވައުދުވީ ކުދި ރަށްތައްވެސް ދަންނަ ވެރިއެއް ހޯދުމަށާއި ހުރިހާ ރައްޔިތުން ދަންނަ އަދި ލާމަރުކަޒީ ދަންނަ ވެރިއެއް އިންތިހާބު ކުރުމަށެވެ. މިއަދު ތާރު އެޅުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެއާޕޯޓުގެ އެތައް އުމްރާނީ ތަރައްގީއެއް މި ސަރުކާރުން ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަމަކީ މީހުން ބިނާކުރުން ކަމަށާއި މި ސަރުކާރުން މިހާތަނަށް މީހުން ބިނާކުރުމަށް ކުރި މަސައްކަތްތައް ވޭތުވެދިޔަ ފަސް އަހަރާ ނުބައްދަލު ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.