ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ)، ޕީޕީއެމަށް މިރޭ ސޮއިކުރައްވައިފިއެވެ.

ނަޒާކީ ޒަކީ ސޮއިކުރެއްވި ފޯމާ ޕީޕީއެމްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު މިރޭ ބޭއްވި ބައްދަލުވުމުގައި ޒަކީ ވިދާޅުވީ، އެޕާޓީއާ ގުޅުނީ ގައުމުގެ ކަންކަން ބޮއްސުންލާފައިވާތީ، ގައުމުގެ ކަންކަން ރަނގަޅުކުރެވޭނެ ޕާޓީއަކީ ޕީޕީއެމް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ޒަކީ އެންމެ ފަހުން ހުންނެވީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައެވެ.

ޒަކީ ވަނީ މި ސަރުކާރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަންކަމުގެ މަގާމު ފުރުއްވައިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ އޭނާ ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޒަކީ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާ ސަފީރުކަންވެސް ކުރައްވައިފައެވެ.