މާލޭގެ މަގުތަކުން ފެން ހިންދުމަށް ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕުތައް ބަރާބަރަށް މަސައްކަތް ކުރާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވަނީ އެމްޑަބްލިޔުއެސްސީގެ ސަބަބުން ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން މުއިއްޒު ވަނީ މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕުތައް ރަނގަޅަށް ނުބެލެހެއްޓޭނަމަ އެ ޕަމްޕުތައް ސިޓީ ކައުންސިލާ ހަވާލުކުރުމަށް ގޮވާލައްވައިފައެވެ.

އެކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީން ބުނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްޓޯމް ވޯޓާ ޕަމްޕުތައް ގަވައިދުން ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށާއި ޕަމްޕުތައް ބަރާބަރަށް މަސައްކަތް ކުރާ ކަމަށެވެ.

"މި ސިސްޓަމްތައް ޑިޒައިންކޮށްފައި މިވަނީ ދޭއް ނުވަތަ ތިން ގަޑިއިރު ތެރޭގައި ފެން ހިންދާލެވޭ ގޮތަށް،" އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މާލޭގައި ފެންބޮޑުވާ މައްސަަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަން އެގޮތަށް ދިމާވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން އިތުރަށް ވާރޭ ވެހޭތީ ކަމަށެވެ. އެގޮތުން އިއްޔެއަކީ، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި މާލެއަށް ތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަސް ކަމަށް ވިދާޅުވިއެވެ. މާލެއަށް އިއްޔެ ވަނީ 134.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.