ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 91 ޓީމަކުން ބައިވެރިވެރި ވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު މުބާރާތުގައި 65 ޓީމަކުން ބައިވެރިވެފައިވާ އިރު، އެ އަހަރު ޖުމްލަ 120 މެޗު ކުޅެފައިވެއެވެ. މިފަހަރުގެ މުބާރާތުގައި 177 މެޗު ކުޅެވިގެން ދާނެއެވެ. މެޗުތައް އޮންނާނީ ހުޅުމާލޭގެ ޓާފް ދަނޑުގައެވެ.

މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ "ވަން" އަށް މިއަދު ވިދާޅުވީ ޓީމުތައް ބައިވެރިކުރުމުގެ މުއްދަތު ހަމަވިފަހުންވެސް ޓީމުތަކުން ބައިވެރިވާން އެދުނު ނަމަވެސް އުސޫލުގައި ހިފެހެއްޓުމަށް އެ ފުރުސަތު ދީފައި ނުވާނެ ކަމަށެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މުބާރާތަށް. ޑިއުވި ފަހުންވެސް ގިނަ ޓީމުތަކަކުން ބައިވެރިވާން އެދުނު. އެކަމަކުވެސް އުސޫލުގައި ހިފަހައްޓަން އެ ފުރުސަތު ނުދީ ހަމަ އެ ތާރީހަށް ބެލީ. މިފަހަރުގެ މުބާރާތް މަހަކަށްވުރެ ދިގުކޮށް ދެމިގެން ދާނެ. ގިނަ މެޗުތަކެއްވީމަ ފެބްރުއަރީ 19 އިން ފެށިގެން މާޗު މަހުގެ ނިޔަލަށް މުބާރާތް ދެމިގެންދާނެ،" ރިލްވާން ވިދާޅުވިއެވެ.

ރިލުވާން ވިދާޅުވީ މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުން ކަމަށެވެ. އެގޮތުން އަތޮޅު ބުރަކަށްފަހު ޒޯން ބުރު ނިންމައި ގަދަ 16 ކުޅެ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާނެ ކަމަށްވެސް ރިލުވާން ވިދާޅުވިއެވެ.

މިއަހަރުވެސް މާލެ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރުމަށް ފުރުސަތު ދީފައިވެއެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ޓީމެއް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައެވެ.

އަތޮޅު ބުރުގެ މެޗުތައް ކުޅުމުގައި ބަލާނީ އެ އަތޮޅަކުން ޓީމުތައް ބައިވެރިވެފައިވާ ނިސްބަތަށެވެ. އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅު ތަކުގައި ކުޅޭނީ ލީގު އުސޫލުން ނަމަވެސް، ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައިވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއް ވަނަވެސް ޒޯން ބުރަށް ދާއިރު، އަތޮޅު ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ.

"އަތޮޅު ބުރު ކުރިއަށްދާ އިރު، ކޮންމެ އަތޮޅެއް ހަފުތާއަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭނެ ގޮތެއް މި ހޯދަނީ. އޭރުން ޓީމުތަކުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ. އާންމުކޮށް ކޮންމެ އަތޮޅުވެސް ހަފުތާއަކުން ނިންމައިލެވޭނެ،" އަތޮޅު ބުރުގެ މެޗުތަކާ ގުޅޭގޮތުން ރިލުވާން އިތުރަށް ވިދާޅުވިއެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ރިލުވާން އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށާއި މުބާރާތަކީ މާކެޓިންގެވެސް ބޮޑު އިވެންޓަކަށް ވާނެ ކަމަށެވެ. އެހެން ކަމުން ސްޕޮންސަރުންނަށް އަދިވެސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ރިލުވާން ވިދާޅުވިއެވެ.

  • ހއ. އަތޮޅު

މާރަންދޫ، ބާރަށް، ހޯރަފުށި، ދިއްދޫ، ވަށަފަރު، މުރައިދޫ، އިހަވަންދޫ، ކެލާ

  • ހދ. އަތޮޅު

ކުޅުދުއްފުށި، ފިނޭ، ކުމުންދޫ، ނާވައިދޫ، ނޭކުރެންދޫ، މަކުނުދޫ، ވައިކަރަދޫ، ނެއްލައިދޫ

  • ށ. އަތޮޅު

މިލަންދޫ، ގޮއިދޫ، ބިލެއްފަހި، މަރޮށި، ފީވައް، ކަނޑިތީމު، ކޮމަންޑޫ، ފޯކައިދޫ

  • ނ. އަތޮޅު

ކުޑަފަރި

  • ރ. އަތޮޅު

އިނގުރައިދޫ، އިންނަމާދޫ، ދުވާފަރު

  • ބ. އަތޮޅު

އޭދަފުށި، ހިތާދޫ، ތުޅާދޫ

  • ޅ. އަތޮޅު

ހިންނަވަރު، ކުރެންދޫ

  • ކ. އަތޮޅު

ގުރައިދޫ، ގާފަރު، ކާށިދޫ، ތުލުސްދޫ، މާފުށި، ހުރާ

  • އއ. އަތޮޅު

ބޮޑުފުޅުދޫ، ރަސްދޫ، މަތިވެރި، ފެރިދޫ

  • އދ. އަތޮޅު

ފެންފުށި، އޮމަދޫ، ކުނބުރުދޫ، ހަންޏާމީދޫ، ދަނގެނތި، މާމިގިލި

  • މ. އަތޮޅު

ދިއްގަރު، މަޑުއްވަރި، މުލި، މުލަކު، ނާލާފުށި، ކޮޅުފުށި

  • ފ. އަތޮޅު

ނިލަންދޫ، ބިލެއްދޫ، މަގޫދޫ، ފީއަލި

  • ދ. އަތޮޅު

ކުޑަހުވަދޫ، ބަނޑިދޫ

  • ތ. އަތޮޅު

ތިމަރަފުށި، ގާދިއްފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ބުރުނި

  • ލ. އަތޮޅު

ގަން، އިސްދޫ، ކަލައިދޫ، މާމެންދޫ،

  • ގއ. އަތޮޅު

ނިލަންދޫ، ކަނޑުހުޅުދޫ، ދާންދޫ، ކޮނޑޭ، މާމެންދޫ، ގެމަނަފުށި، ކޮލަމާފުށި، ދެއްވަދޫ

  • ގދ. އަތޮޅު

މަޑަވެލި، ވާދޫ، ހޯޑެއްދޫ، ގައްދޫ، ތިނަދޫ

  • އައްޑޫ ސިޓީ

ފޭދޫ، މަރަދޫ

  • ފުވައްމުލަކު ސިޓީ

މޭލެގަން

  • މާލެ

މާފަންނު، ވިލިމާލެ، ހުޅުމާލެ، ހެންވޭރު

ގޯލްޑަން ފުޓްސަލްގެ ގަވާއިދުގައި ވާގޮތުން މުބާރާތުގައި އެ އަވަށަކަށް ނޫނީ އެ ރަށަކަށްވެސް ކުޅެވޭނީ އެ ރަށެއްގައި ނުވަތަ އެ އަވަށަކަށް ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނަށެވެ.

އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. އެ ޓީމުން ފައިނަލްގައި ތަށި ނެގީ ބ. އޭދަފުށި ބަލިކޮށްގެންނެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގެ ކޮންމެ ބުރެއް ނިމުމުން އެ މުބާރާތެއްގެ ޗެމްޕިއަން ޓީމާއި ޓޮޕް ސްކޯރާ އަދި މޮޅު ކުޅުންތެރިޔާވެސް ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވެއެވެ.