ޚަބަރު

ޖައިލަމްގެ މަރު: ދައުލަތަށް ހެކިން ހާޒިރެއް ނުކުރެވުނު

މުހައްމަދު އިޝާން

ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑް ފްލާވާސްގޭ، ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ހާޒިރުކުރަން ޖެހޭ ހެކިވެރިން ދައުލަތަށް ހާޒިރެއް ނުކުރެވުނެވެ.

މިއަދު އޮތީ އޭޑިކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ ދެ ޑޮކްޓަރުންގެ ހެކިބަސް ނެގުމުގެ އިތުރުން މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން އިޖުރާއީ ކަންކަން ފުރިހަމަ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. މި މައްސަލައާ ހަވާލުވެވަޑައިގެންނެވީ ގާޒީ އިސްމާއީލް ޝަފީއުއެވެ. ކުރިން މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ސޮފްވަތު ހަބީބުއެވެ.

އަޑުއެހުމަށް ދައުލަތަށް ހެކި ހާޒިރު ނުކުރެވެމުން ގާޒީ ޝަފީއު ވިދާޅުވީ، މިއީ ޝަރީއަތް ނުނިމި ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައަކަށް ވުމުން ވީހާވެސް އަވަހަކަށް ހުކުމާ ހަމައަށް ދާން ބޭނުންވާ ކަމަށެވެ. އެހެންކަމުން ގާޒީ ޝަފީއު ނިންމެވީ މައްސަލަ ކުރިން ގޮސްފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށެވެ.

ޖައިލަމުގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ދިފާއީ ވަކީލު އަލީ ޝާހު އަދި މުހައްމަދު ވިޝާމު ގާޒީގެ އަރިހުން އެދިވަޑައިގެންނެވީ، ދެން ބާއްވާ އަޑުއެހުމެއްގައި ހުލާސާ ބަޔާން އިއްވާ ގޮތަށް ކަނޑައަޅައިދިނުމަށާއި ޑޮކްޓަރުގެ ރިޕޯޓާ ގުޅޭ ގޮތުން އިތުރު މާހިރެއްގެ ބަސް ހޯދަން ޖެހޭ ނަމަ އެ ކަން ވެސް އެ އަޑުއެހުމުގައި ކުރިއަށް ގެންދިއުމަށެވެ.

ދިފާއުގެ އެދުމަށް ދައުލަތުން އިއުތިރާޒެއް ނުކުރެއެވެ. ދައުލަތުން ވިދާޅުވީ، ޖައިލަމުގެ މަރާ ގުޅޭ ގޮތުން ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރު ރާއްޖޭން ބޭރުގައި މިހާރު ހުރުމުން، އޭނާ ވެސް ޝަރީއަތަށް ހާޒިރު ނުކުރެވި ލަސްވަމުންދާތީ ދިފާއުން އެދުނު ގޮތަށް އެހެން ޑޮކްޓަރަކު ހާޒިރުކޮށް ހެކިބަސް ހޯދުން ރަނގަޅުވާނެ ކަމަށެވެ.

ދައުލަތުން ދިފާއު އެދުނު ގޮތަށް ތާއިދުކުރުމުން ގާޒީ ވިދާޅުވީ މިމަހުގެ 27 ގައި ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި މާހިރެއްގެ ބަސް ނަގާ ނަމަ އެ ކަން ކުރިއާލައި ދައުލަތުން ކޯޓަށް އަންގަން ޖެހޭނެ ކަމަށެވެ. ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާއަކީ މައްސަލައެއްގެ ހުކުމް އިއްވުމުގެ އަޑުއެހުމުގެ ކުރިއަށް ބާއްވާ އަޑުއެހުމެވެ. ހުލާސާ ބަޔާން އިއްވައި ނިމުމުން 30 ދުވަހުގެ ތެރޭގައި ހުކުމްކުރަން ޖެހޭނެއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ ވެސް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ހެކިބަސް ދީފައިވަނީ ދެ ފުލުހުންނެވެ. އެއީ ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު އާރިފު އާއި ޕޮލިސް ކޯޕްރަލް އަހުމަދު ފަޔާޒުއެވެ.

ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު އާރިފު ހެކިބަސް ދެމުން ބުނެފައިވަނީ، އޭނާ މަސައްކަތް ކުރަނީ ފުލުހުންގެ މުއައްސަސާގެ ފޮރެންސިކް ޑިޕާޓުމެންޓުގެ ކްރައިމް ސީން އިންވެސްޓިގޭޝަންގައި ކަމަށެވެ. ދައުލަތުގެ ފަރާތުން މުހައްމަދު އާރިފު ހުށަހެޅީ ޖައިލަމުގެ މަރުގެ ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ، ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށް ކުށް ސާބިތު ކުރުމަށެވެ.

ޕޮލިސް ކޯޕްރަލް އަހުމަދު ފަޔާޒަކީ މައްސަލައިގެ ދައުވާލިބޭ އެންމެނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިއެކެވެ. އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ ފުލުހުންގެ ކޮމާންޑު ސެންޓަރުން ހަންޑްރެޑް ގެ ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ދިނުމުން އެ ސީނަށް ހާޒިރުވި ކަމަށެވެ. އެ ސީނަށް ހާޒިރުވިއިރު ސީނުގައި ނޫސްވެރިން ތިބި ކަމަށާއި އޭރު ސީނު ބަންދު ނުކުރާ ކަމަށެވެ. އެހެންކަމުން ނޫސްވެރިން ފޮނުވާލައި ސީން ބަންދުކުރުމަށްފަހު ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރި ކަމަށެވެ. އެ ޕްރޮސެސް ކުރުމުގެ ތެރޭގައި ވަޅިއެއް ފެނުނު ކަމަށާއި، އަދި ވަރަށް ގިނަ އަދަދެއްގެ ލޭ ބިންމަތީގައި ހުރިކަމަށެވެ. ސީން އެއްކޮށް ޕްރޮސެސް ކޮށް ނިންމާލުމަށްފަހު ހެކީގެ ގޮތުގައި ބެލެވޭނެ އެއްޗެހި އެވިޑެންސް ކޮންޓްރޯލް ޔުނިޓަށް ހަވާލު ކުރި ކަމަށެވެ. އެވިޑެންސް ކޮންޓްރޯލް ޔުނިޓުން ސީނުން ގެނައި ހުރިހާ ހެކިތަކެއް ކަމާ ގުޅޭ ލެބޯޓަރީތަކަށް ފޮނުވި ކަމަށެވެ.

ވަޅިން ހަމާލާދީ ޒަހަމްކޮށްލުމުގެ ސަބަބުން ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އޭރު މީޑިއާތަކަށް ވިދާޅުވެފައި ވަނީ ޖައިލަމުގެ ކަރަށް ވަޅި ހަރައި ކަރުގެ ނާރުތައް ބުރިކޮށްލާފައިވާ ކަމަށާއި އެހެންކަމުން އޭނާގެ ބޮލަށް ލޭ ފޮނުވައިދިނުން ހުއްޓުނު ކަމަށެވެ. ކަރަށް ހަމަލާއެއް އަމާޒުވިއިރު ޖައިލަމުގެ ފުރަގަހަށާއި ބަނޑަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފުރަގަހަށް ދިން ހަމަލާގައި ފުއްޕާމޭ އެއްކޮށް ހަލާކު ވެފައިވާ ކަމަށާއި ޖައިލަމު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އަފްއާލް ވިދާޅުވެފައިވެއެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ދައުވާ ލިބޭ ހުމައިދު ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ. ހުމެއިދު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުން އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުގެ ބޭނުމުގައި ސްރިލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސްފައެވެ.

ދެހާސް އަށާރަ ވަނަ އަހަރު އަނީގު އާއި ނަސީބު އަދި އިރުފާން ބަންދުގައި ބަހައްޓާފައި ހުއްޓައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެމީހުން ދޫކޮށްލައިފައެވެ. އަލުން އެ މީހުން ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގައި އެދިގެންނެވެ. އެ މީހުން ހައްޔަރުކުރަން ޕީޖީ އެދުނީ އެމީހުންގެ ފަރާތުން ހެކިންނަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އާއި އަދި އިންޓެލް ރިޕޯޓަކާއި ގުޅިގެން ކަމަށެވެ.