ޚަބަރު

އައްޔުބެގެ މަރު: ކުށް ސާބިތު ވި ކުއްޖާ ޖަލުން މިނިވަންކޮށްފި

މުހައްމަދު އިޝާން

1

ޖެނުއަރީ، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ، އަނިޔާވެރި ގޮތަކަށް މަރާލި ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން، 76، (އައްޔުބެ) މަރާލުމަށް ފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު މައްސަލައިގައި ކުށް ސާބިތުވެ ޖަލަށްލި ކުއްޖާ ޖުވެނައިލް ކޯޓުން މިނިވަންކޮށްފިއެވެ.

އައްޔުބޭގެ މަރާ ގުޅިގެން ދައުލަތުން ވަނީ ތިން ކުއްޖަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން ދެ ކުއްޖަކަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް 2017 ވަނަ އަހަރު އޭގެ ތެރެއިން އެއް ކުއްޖަކުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ދެން ހުރި ކުއްޖާގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ބެލުމަށްފަހު ހުކުމްކުރީ އެ ކުއްޖާގެ މައްޗަށް ސާބިތުވަނީ ގަސްދުގައި މީހަކު މަރާލަން ބައިވެރިވިކަމުގެ ކުށް ކަމަށެވެ. ދައުލަތުން އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށެވެ.

ނޮވެމްބަރު މަހު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޖުވެނައިލް ކޯޓުން އެ ކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މަރާލަން ބައިވެރިވިކަމުގެ ކުށް ސާބިތުވާ ކަމުގެ އަދަބު ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖުވެނައިލް ކޯޓުން ހުކުމް ކުރީ އެ ކުއްޖާ ދޫކޮށްލުމަށެވެ.

"ވަން" އަށް އެގިފައިވާ ގޮތުގައި ޖުވެނައިލް ކޯޓުން އެ ކުއްޖާ ދޫކޮށްލުމަށް ހުކުމް ކުރީ ބަންދުގައި ހުންނަތާ 10 އަހަރު ވުމުންނެވެ. ގަސްދުގައި މީހަކު މަރާލަން ބައިވެރިވިކަމުގެ ކުށުގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ބަންދުގެ ދުވަސްތައް ޖަލު ހުކުމުން ކަނޑަން ޖެހެއެވެ. އެހެންކަމުން އެ ކުއްޖާ ދޫކޮށްލަން ޖުވެނައިލް ކޯޓުން ހުކުމް ކުރީއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނު ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟