މީގެ ތިން އަހަރު ކުރިން، 1 ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ދެއްކެވި ވާހަކަތަކާ ގުޅިގެން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައީސް ޔާމީނަށް ސުވާލުތަކެއް ކުރިމަތި ކުރައްވައިފިއެވެ.

1 ފެބްރުއަރީގެ އަމުރަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުކޮށްފައި ތިބި ނުވަ މީހަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އޭރު އޮތް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށް ކުރި އަމުރެކެވެ. އެ އަމުރާ ގުޅިގެން އެމަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ "ފުރާޅުން ޓިނު" ނަގައިގެން ވަދެ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ޝަރީއަތް ހިންގިއެވެ.

"ކޮތަރު ކޮށީ" ގެ ނަމުގައި ޕީޕީއެމުން ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޝަރުއީ ނިޒާމުގެ ތެރެއިން ގެންނަން އުޅުނު ބަގާވާތެއް ކަމަށެވެ. އެ އަމުރު ނެރުނީ، ކޮރަޕްޝަންގެ ތުހުމަތުވާ ދެ ފަނޑިޔާރުން ހުންނަވާ ބެންޗަކުން ކަމަށާއި އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހުޅުމާލެއާއި ސިންގަޕޫރުން އެޕާޓްމަންޓުތަކެއް ބައްލަވައިގެންނެވި ކަމަށާއި އެކަމަށް ފަންޑުކުރީ މަހުޖަނެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އެދުވަހު އިއުލާން ކުރީ ކޮރަޕްޝަންގެ ތުހުމަތުވާ ފަނޑިޔާރުން ހައްޔަރުކުރުމަށް އެކަންޏެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗަކުން ފާސްކޮށްގެން ނޫނީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ތަހުގީގީ އެއްވެސް އިދާރާއަކަށް ހާޒިރު ނުކުރެވޭ ކަމަށް އެކޯޓުން ނިންމަވާފައި އޮތުމެވެ.

ރައީސް ޔާމީންގެ އެ ވާހަކަތަކާ ގުޅިގެން މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަނީލޯންޑާ ކުރުމުގެ ކުށުގައި ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، ރައީސް ޔާމީން ކަން ކުރެއްވީ ގައުމެއްގެ ރައީސަކު ކަންކުރައްވާނެ ގޮތަކަށް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

"ވީމާ ޗެކު ނަމްބަރު ދިމާނުވެ މަނިކުފާނު ދޫވީމާ، މަނިކުފާނު ކުއްލި ނުރައްކާ ހިންގާ ޖަލަށްލުން ގާނޫނު ހުއްދަ ކުރާ ކަމަށްތޯ ތި ވިދާޅުވަނީ،" މާރިޔާ ސުވާލު ކުރައްވާފައިވެއެވެ.

މާރިޔާ އިތުރަށް ވަނީ، ރައީސް ޔާމީންގެ އެކައުންޓުގައި އާމްދަނީއާ ނުބައްދަލު ފައިސާ ހުރި ނަމަވެސް ގާނޫނުން ސާބިތުނުވާތީ އެމަނިކުފާނު ދޫކޮށްލައްވަން ސުޕްރީމް ކޯޓުން ހުކުމް ކުރެއްވި ފަނޑިޔާރުން ހައްޔަރު ކުރެއްވުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި ނަމަ، ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި، ކޯޓުގެ ފުރާޅުން ޓިނު ނަންގަވާނެތޯވެސް ސުވާލުކުރައްވައިފައެވެ.