ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 257 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ހުޅުމާލޭ އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 83 އަހަރުގެ ފިރިހެނަކު ރޭ މެންދަމު 3:00 ގައި މަރުވެފައިވާ ކަމަށެވެ.

މާލެ ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑުގައި މަރުވީ އައްޑޫންނެވެ. މިއަދުގެ މަރާއެކު އައްޑޫން މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ.

މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 257 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 240 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.