ނ. މެދުފުށީގައި ސަން ޓްރެވަލްސް އިން ތަރައްގީކުރި "އިރުފުށި ބީޗް އެންޑް ސްޕާ ރިޒޯޓް" މެނޭޖްކުރުމަށް ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް އަށް ދިން އެއްބަސްވުން މާތިލު ކުރި މައްސަލައިގައި، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 20.9 މިލިއަން ޑޮލަރު ހިލްޓަން އަށް ދިނުމަށް މެލޭޝިއާގެ އާބިޓަރޭޝަނުން ސަންޓްރެވަލްއަށް ކުރި އަމުރާ ގުޅިގެން، އެ ކުންފުނީގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރުމަށް ސިވިލްކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލެއް ނުކޮށްދިއެވެ.
އިރުފުށި ހިންގުމުގެ އެއްބަސް ވުމުގައި، ހިލްޓަންއާއެކު ސަންޓްރެވަލްއިން ސޮއިކުރީ 27 ފެބްރުއަރީ 2009 ގައެވެ.
ނަމަވެސް ރިޒޯޓު ހިންގުމުގައި ހިލްޓަނުން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފުވަމުން ދާކަމަށްބުނެ 30 އެޕްރީލް 2013 ގައި ސަން ޓްރެވަލްސް އިން އެއްބަސްވުން ބާތިލުކުރިއެވެ. އެކަމާ ގުޅިގެން 16 މެއި 2013 ގައި ހިލްޓަންގެ ފަރާތުން އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާސް ("އައި.ސީ.ސީ") ގެ، އިންޓަރނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހެޅިއެވެ.
އެމައްސަލައިގައި އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ހިލްޓަންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި20.9 މިލިޔަން އެމެރިކާ ޑޮލަރާއި، އެކަމުގެ ޖޫރިމަނާ އާއި، އިތުރު ހަރަދުތައް ދެއްކުމަށް މެލޭޝިއާގެ އާބިޓްރޭޝަނުން ސަންޓްރެވަލްގެ މައްޗަށް އަމުރު ކުރިއެވެ.
އެ އަމުރު ތަންފީޒުކޮށްދިނުމަށް އެދި ހިލްޓަންގެ ފަރާތުން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅިއެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ރަޖިސްޓްރީވުމަށްފަހު، އަޑުއެހުމެއް ބޭއްވުމުގެ ކުރިން، ތަންފީޒީ ފިޔަވަޅެއްގެ ގޮތުން ސަންޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ހުސްވި 2020 ވަނަ އަހަރު ސިވިލްކޯޓުން އަމުރު ނެރުނެވެ.
ވަކިވަކިން ހަތަރު ބޭންކެއްގެ މައްޗަށް ސިވިލްކޯޓުން އަމުރު ކޮށްފައިވަނީ، އެއިން ބޭންކެއްގައި ސަން ޓްރެވަލްސްގެ ނަމުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓެއްގައި 28.3 މިލިޔަން ޑޮލަރު، ނުވަތަ އެ އަދަދަށް އެހެން ގައުމެއްގެ ފައިސާ ހުރިނަމަ، އެ މިންވަރަށް އެ ފައިސާތައް ހިފެހެއްޓުމަށެވެ. އަދި އެއަށްވުރެން މަދު އަދަދަކަށް ފައިސާ ހުރިނަމަ އެ ފައިސާއެއް އެކުގައި ހިފެހެއްޓުމަށްފަހު، ކޯޓަށް އެންގުމަށެވެ.
މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމަކީ، ސިވިލްކޯޓުން ނެރުނު އަމުރު ބާތިލްކޮށްދިނުމަށް އެދި ސަންޓްރެވަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ.
އެ ހުކުމްގައި ވަނީ، ސިވިލްކޯޓުން ނެރެފައިވާ އަމުރުތައް ބާތިލުކުރާނެ ތަނެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކުރާ ކަމަށެވެ.
ސިވިލްކޯޓުގެ އަމުރާ ގުޅިގެން ބީއެމްއެލްގައި އޮތް ސަންޓްރެވަލްގެ 12 އެކައުންޓަކާއި، ބީއޯސީގައި އޮތް ތިން އެކައުންޓަކާއި އެސްބީއައިގައި ހިމެނޭ ތިން އެކައުންޓަކާއި އެމްސީބީގެ ދެ އެކައުންޓްގައި ހުރި ފައިސާ ވަނީ ހިފަހައްޓައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު