ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކ. ކާފަރު މަސްވެރިންނާ ބައްދަލުކުރައްވާ މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވައިފިއެވެ.
ގާފަރު ބަނދަރު ސަރަހައްދުގައި ރޭ ބޭއްވި ބައްދަލުވުމުގައި މަސްވެރިން ވަނީ، ފިޝަރީޒް ޕްރޮމޯޝަން ބޯޑުގައި މަސްވެރިކަމުގެ ދާއިރާ ތަމްސީލު ކުރުމަށް ތިބޭ ބޯޑު މެންބަރުންނަކީ މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ހުރި ބޭފުޅުން ކަމުގައިވުން މުހިންމު ކަން ފާހަގަކޮށްފައެވެ.
މަސްވެރިން ވަނީ ސަރުކާރު ތެރެއިން މަސްވެރިކަމާ ގުޅޭ ކަންކަމުގައި ކުރިޔަށްދިޔުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށްފައެވެ. އެގޮތުން މާލީ ކަންކަމުގައި ދިމާވާ ގޮންޖެހުމާއި ބޭންކިން އަދި މަސްވެރިކަމުގެ ސާމާނު އެތެރެކުރުމުގައި ހުރި ދަތިތައް މަސްވެރިން ވަނީ ފާގަފަކޮށްފައެވެ.
ރާއްޖޭގެ މަސްވެރި ދޯނިތައް އެންމެ ގިނައިން ދަތުރުކުރާ ސަރަހައްދުތައް ހޯދުމަށްފަހު މަސްކިރުވޭނެ ގޮތް އެ ސަރަހައްދުތަކުން ހެދުމުގެ މުހިންމުކަންވެސް މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، މަސްވެރިންގެ ހިޔާލާ މަޝްވަރާއަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށާއި މަސްވެރިން ފާހަގަކުރި ކަންކަމުގައި އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު