ކޮވިޑް 19ގެ ސަބަބުން ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖޯޝުއާ ކިމިކްގެ ފުއްޕާ މެޔަށް ލިބުނު ގެއްލުމުގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން އޭނާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އުމުރުން 26 އަހަރުގެ ޖަރުމަނު މިޑްފީލްޑަރު ކިމިކް، ކޮވިޑް 19 އަށް ޕޮސިޓިވްވީ މިދިޔަ މަހުގައެވެ. ވެކްސިން ނުޖަހާ ކަމަށް އަމިއްލައަށް މީސް މީޑިއާގައި ހާމަކޮށްފައިވާ ކިމިކް، އޭރު ބުނެފައި ވަނީ ވެކްސިން ޖަހަން ބޭނުން ނުވަނީ ވެކްސިންގެ ގެއްލުންތައް ދެނެގަންނަން ވަގުތު ނަގާނެތީ ކަމަށެވެ.

ކޮވިޑުން ރަނގަޅު ވެ ކިމިކްގެ ކަރަންޓީނު މުއްދަތު މިދިޔަ ބުދަ ދުވަހަށް ހަމަވި ނަމަވެސް، އޭނާއަށް ކުޅުމަށް އަދި ނާދެވޭނެއެވެ. ކިމިކް ބުނެފައި ވަނީ ހާލު ރަނގަޅު ނަމަވެސް ފުއްޕާމެއަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ފިޒިކަލީ އެންމެ ބުރަކޮށް މަސައްކަތް ކުރެވެން ނެތް ކަމަށެވެ.

"އަހަރެންގެ ހާލު ރަނގަޅު. އެކަމަކު އަދި ނެތް އެންމެ ވަރުގަދައަށް ކުޅެވޭކަށް. ފުއްޕާމޭގެ މައްސަލައެއް އެބައުޅޭ. އެކަމަކު އަހަރެން މިހުރީ ކުޅޭ ހިތުން ކެތް މަދުވެފަ. ވީ އެންމެ އަވަހަކަށް އަނބުރާ ދަނޑު މައްޗަށް ނުކުންނާނަން،" ކިމިކް އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިއަހަރު ބާކީ ބަޔާންއަށް ދެން އޮތް ތިން މެޗުގައިވެސް ކިމިކް ނުފެންނާނެއެވެ. އެ ތިން މެޗަށްފަހު ޖަރުމަނުގެ ލީގު ފިނި މޫސުމުގެ ބްރޭކަކަށް ދާ އިރު، ކޮވިޑް 19ގެ ސަބަބުން މިހާރުވެސް ކިމިކަށް ވަނީ ހަތަރު މެޗު ގެއްލިފައެވެ. އެގޮތުން ލީގުގައި ޑޯޓުމަންޑާ ދެކޮޅަށް ކުޅުނު މެޗާއި ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުވެސް ހިމެނެއެވެ.