މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކ. ގާފަރުގައި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަސްވެރިންނަށާއި އަދި އޮޑިވެރީންނަށް "އޮޑިވެރިޔާ ފޯރަމް"ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ ފޯރަމް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ އެ ކުންފުނިން ވިއްކާ މެރިން ދާއިރާއާ ގުޅުންހުރި މުދަލާއި ހިދުމަތްތަކާއި އަދި ބޯޓުޔާޑުން ލިބޭ ހިދުމަތްތަކުގެ މައުލޫމާތު އެ ދާއިރާގެ ވިހާވެސް ގިނަ ބައިވެރިންނަށް ހިއްސާކޮށް، އެ ދާއިރާއިން އެކުންފުނިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށެވެ.

އިއްޔެ ހަވީރު ކުރިއަށްގެންދިޔަ އެ ފޯރަމުގައި، އެމްޓީސީސީގެ ބޯޓުޔާޑުގެ އިތުރުން ކަށަވަރުގެ ހިދުމަތްތަކާ ބެހޭގޮތުން އެ ކުންފުނީގެ އިންޖިނިއަރިން އަދި ޓްރޭޑިން ޑިވިޝަންގެ ހަ މެންބަރުން ހިމެނޭހެން، ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެގޮތުން ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް އަދި އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިން، އިންޖިނިއަރިން، ވެލްޑިން، މެޓަލް ފެބްރިކޭޝަން، ފައިބާ އަދި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތުވެސް އެ ފޯރަމުގައި ވަނީ ހިއްސާކޮށްފައެވެ.

އެމްޓީސީސީން އިތުރަށް ބުނީ އެ ކުންފުނީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ހިދުމަތެއްގެ ހައްލު އެއް ފުރާޅެއްގެ ދަށުން އޮޑިވެރީންނާއި، މަސްވެރީންނަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި އަބަދުވެސް ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދީ، ކުންފުނީގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.