އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
ކުނބުރުދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއު ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ ސީއީއޯ ހަސަން ޝާހާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި ކުނބުރުދޫ ކައުންސިލުގެ ރައީސް މުހައްމަދު އަޒުމީއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ 45 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ކުނބުރުދުއަށް ގެންގޮސްފައިވާ ކަމަށާއި ފެނުގެ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކުނބުރުދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 2.75 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި އާރުއޯ ފެސިލިޓީއެއް އިމާރާތް ކުރާނެއެވެ. އަދި ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާންގީ ވެސް ބަހައްޓާނެއެވެ. އޭގެ އިތުރުން އެ މަސައްކަތުގެ ދަށުން ފެނުގެ ކަނެކްޝަން ގެތަކަށް ގުޅައިދީ ފެން މީޓަރު ވެސް ބަހައްޓާނެއެވެ.
ކުނބުރުދޫ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 2.30 ކިލޯމީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް އަޅައި، 374 މީޓަރުގެ ޕަމްޕިން ލައިނެއް އަޅާނެއެވެ. އަދި ދެ ޕަމްޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއް ގާއިމުކޮށް ގެތަކުގައި ޖަންގްޝަން ބަހައްޓައި، އިދާރީ ބިލްޑިންއެއްގެ މަސައްކަތް ވެސް ކުރާނެއެވެ. އޭގެ އިތުރުން ކުނބުރުދޫގެ ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު