މީހުން ބްލެކްމެއިލްކޮށް ބަރަހަނާކޮށްގެން ފައިސާ ހޯދާ ބޮޑު ނެޓްވޯކެއް ވިލިމާލޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހުގެ 16 އިން މިދިޔަ މަހުގެ 17 އާ ހަމައަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ސްނެޕްޗެޓް މެދުވެރިކޮށް ވާހަކަދައްކައި، ވިލިމާލޭގައި ހުންނަ ގެސްޓްހައުސަކަށް ގެންގޮސް ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި ބަރަހަނާކޮށް، ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯކޮށް ފައިސާ ފޭރެމުން ދިޔަ ތިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ލަތީފް ވިދާޅުވީ، އެ ތިން މައްސަލައިގައިވެސް ތުހުމަތު ވަނީ ވިލިމާލޭގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ބަޔަކަށް ކަމަށާއި އެ ނެޓްވޯކުގައި ގިނައިން ހިމެނެނީ އެކި ކުށްތަކުގެ ރެކޯޑު އޮންނަ މީހުން ކަމަށެވެ.
"މި ނެޓްވޯކުގެ ތެރޭގައި ހިމެނޭ މީހުންގެ ތެރޭގައި ފިރިހެނުންނާއި އަންހެނުން ހަރަކާތްތެރިވާކަން ފާހަގަކުރެވޭ. އަދި 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކުވެސް މި ކުށުގެ އަަމަލު ހިންގުމުގައި މި ނެޓްވޯކުގެ ފަރާތުން ބައިވެރިކުރުވާކަން އެނގޭ،" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، އެ ނެޓްވޯކުން މީހުން އާންމުކޮށް ގެންގޮސް އުޅެނީ، ވިލިމާލޭ "މެލޭމާ" ނަމަކަށް ކިޔާ ގެސްޓްހައުސެއްގެ ކޮޓަރިތަކަށް ކަމަށެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހާއި މިދިޔަ މަހުގެ ހަތްވަނަ ދުވަހާއި 17 ވަނަ ދުވަހު، އެ ގެސްޓްހައުސަށް ތިން މީހަކު ގެންގޮސް ތޫނު ހަތިޔާރުން ބިރުދައްކައި ގަދަކަމުން ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ފޭރިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
އެ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭގޮތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މެލޭމާ ގެސްޓްހައުސްގެ ކޮޓަރިތައް ހިފައިގެން އެ ނެޓްވޯކުގެ މީހުން އެކި ދުވަސްމަތިން ތިބެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި ގެސްޓްހައުސްގެ ވެރިންނާއި އެމީހުންނާ ގުޅުމެއް އޮތްކަން އެނގިފައި ނުވާ ކަމަށެވެ.
ޝިފާއު އިތުރަށް ވިދާޅުވީ، އެ ނެޓްވޯކުން މާލޭގެ އިތުރުން ހުޅުމާލޭގެ ގެސްޓްހައުސްތަކަށް ވެސް މީހުން ގެންގޮސް ބަރަހަނާކޮށް ފޭރިފައިވާ ކަމަށާއި އެ ނެޓްވޯކުން ބޮޑަށް ޓާގެޓް ކުރަނީ މަސްވެރިންނާއި، އޮޑިދޯނިފަހަރުގައި މުދާ އުފުލާ މީހުންނަށް ކަމަށެވެ.