ޚަބަރު

އެސްޓީއޯއިން މިނިމަމް ވޭޖަށް އަމަލުކުރަން ފަށައިފި، އަހަރަކު 14 މިލިއަން ހަރަދުވާނެ

މުހައްމަދު އިޝާން

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މިނިމަމް ވޭޖަށް އަމަލު ކުރަން ފަށައިފިއެވެ.

އެސްޓީއޯއިން މިރޭ ކުރި ޓްވީޓެއްގައި މި މަހުން ފެށިގެން މުވައްޒަފުންނަށް މުސާރަ ދޭނީ މިނިމަމް ވޭޖްގެ މިންގަނޑަށް ފެތޭ ގޮތަށް ކަމަށެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ މުސާރަތައް ދިނުމަށް އެ ކުންފުނިން އަހަރަކު 14 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.

މިނިމަމް ވޭޖަށް އަމަލު ކުރުމަށް ކަނޑައަޅާފައިވަނީ އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. މި މަހުން ފެށިގެން އެސްޓީއޯއިން މިނިމަމް ވޭޖަށް އަމަލު ކުރަން ފެށުމުން، އެކުންފުންޏަކީ މިނިމަމް ވޭޖަށް އަމަލު ކުރަން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައަޅައި އެކަން އިއުލާންކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކުރީ، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާދިން ގޮތަށް ހަތަރު ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.

މިނިމަމް ވޭޖްގެ ދަށުން ކުދި ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް ކަނޑައެޅި އަދަދަކީ 8،000 ރުފިޔާއެވެ.

ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށެވެ. އަދި ޕަބްލިކް ސެކްޓަރުގައި ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށެވެ.

މިނިމަމް ވޭޖް ކަމަށް ބަލާފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބޭ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑީގެ ފައިސާ، ސާވިސް ޗާޖް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނޭނެއެވެ.