މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކުރި ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފޯރުކޮށްދެމުން އަންނަ އެއްވެސް ހިދުމަތެއް މެދުނުކެނޑޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް، އެ ޖަލްސާ އެޗްޑީސީގެ ހުއްދަ ނުނަގައި ނުބޭއްވޭނެ ކަމަށް ބުނުމުން ދެ ފަރާތުގެ ދެމެދުގައި ވަނީ ކޯޅުންގަނޑެއް އުފެދިފައެވެ. އެޗްޑީސީން ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
އެ ކޯޅުންގަނޑުގެ ތެރެއިން ހުޅުމާލޭ ރަޖިސްޓްރީ ބާތިލުކޮށްފައިވަނީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމެއްގައެވެ.
ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކުރި މައްސަލައާ ގުޅިގެން އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެ ފޭސް 1 އަދި 2 އަކީ އެ ކޯޕަރޭޝަނުގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ބިކަމަކަށް ވެފައި، އެ ސަރަހައްދުތަކަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް މެދުކުނޑި ފޯރުކޮށްދޭނެ ކަމަށެވެ.
އެޗްޑީސީން ވަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކުރެވޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފަރާތުން ބައިވެރިނުވުމަށް އިލްތިމާސްކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލަ އެޗްޑީސީގެ ފަރާތުން މިއަދު ވަނީ ސިވިލް ކޯޓަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅައިފައެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާކަން އަންގައި މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް ސިޓީއަކުން އަންގާފައިވީ ނަމަވެސް އެ ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި ބިމާ ބެހޭ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެހެންކަމުން އެކަން ބަލައި، އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ނިންމުން ބާތިލުކޮށްދިނުމަށާއި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގައިދިނުމަށް އެދި ސިވިލް ކޯޓަށާއި އެލްޖީއޭއަށް މިއަދު އެޗްޑީސީން ހުށަހަޅާފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ، ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް ސިވިިލް ކޯޓުގައި އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު