ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް މިއަދު ހުޅުވައިފިއެވެ.

މިއަދުގެ އަސްރު ނަމާދަށް އެ މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އެ މިސްކިތުގައި އެއްފަހަރާ 450 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

އެ މިސްކިތަކީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ހަވާލުކުރި ވަގުތީ ދެ މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. އެ މިސްކިތް އިމާރާތްކޮށްފައިވަނީ، 4.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޔެސް މޯލްޑިވްސް ޕްރަައިވެޓް ލިމިޓެޑުންނެވެ.

އެކުންފުންޏާ އެ މިސްކިތް އެޅުމަށް ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އެ މިސްކިތުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހިޔާ ފްލެޓުތައް ސަރަހައްދުގައި ދެން އަޅާ ވަގުތީ މިސްކިތަކީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތު ހުރި ހަމައެކަނި ދާއިމީ މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ "މަސްޖިދު އަމީލް ޖަލީލް"އެވެ. އެއީ 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ.