"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީން މިއަދު ބުނީ، އެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ސ. ހުޅުދޫ/ ރަސްގެދަރު، މުހައްމަދު ޔާސީނަށް މިއަދު ދީފައިވާ ކަމަށެވެ.

އީސީން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި "އިހުލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަމިއްލަ ފަރާތަކަށް ދީފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޑީއާރުޕީ، ޕީއެންސީ، ލޭބާ ޕާޓީ، އެމްޓީޑީ، އެމްރާއެމް އަދި އެމްއެންޕީއެވެ.

އެ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވެ، ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ އެމްޑީޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީއަށް އެކަންޏެވެ. ނަމަވެސް އެމްއެންޕީންވެސް ވަނީ އެ އަދަދަށް މެންބަރުން ހަމަކޮށް، ފޯމުތައް އީސީއަށް ހުށަހަޅައިފައެވެ. ނަމަވެސް އެކަން އަދި އީސީއަކުން ކަނޑައަޅާފައެއް ނުވެއެވެ.