ކޮވިޑުގެ ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯން ގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން މިހެން ބުނެފައިވަނީ މިހާތަނަށް ހޯދުނު މައުލޫމާތުގެ އަލީގައި އޮމިކްރޯން ވޭރިއަންޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުންނެވެ.

ޑަބްލިއުއެޗްއޯގެ ޗީފް، ޓެޑްރޮސް އަދަނޮމް ގެބްރޭސަސް ވިދާޅުވީ އެންމެ ފުރަތަމަ މި ވޭރިއަންޓު ފެނުނު ދެކުނު އެފްރިކާއިން އެއްކުރެވުނު މައުލޫމާތުގެ އަލީގައި، މި ވޭރިއަންޓުން ކޮވިޑު ހަލުވި މިނެއްގައި ފަތުރާ ކަމާއި ކުރިން ބައްޔަށް ޕޮޒިޓިވް ވި މީހުންނަށް އަލުން ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމަށް ދައްކާ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ފެނުނު އޮމިކްރޯން ވޭރިއަންޓް ވަނީ މިހާރު ދުނިޔޭގެ 57 ގައުމަކަށް ފޯރައިފައެވެ. މިހާތަނަށް މި ވޭރިއަންޓުގެ ސަބަބުން ކޮވިޑު ޖެހުނު އެއްވެސް މީހަކު އަދި މަރުވެފައި ނުވާ ކަމަށާއި އޮކްސިޖަން ބޭނުން ވެގެން ފަރުވާ ދޭން ޖެހިފައިވެސް ނުވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ މައުލޫމާތު ދީފަ އެވެ.

ޑަބްލިއުއެޗްއޯގެ އިމަޖެންސީސް ޑިރެކްޓަރު މައިކަލް ރަޔަން ފާހަގަކުރެއްވިގޮތުގައި ޑެލްޓާ ވޭރިއަންޓާ އަޅައިބަލާއިރު އޮމިކްރޯން ވޭރިއަންޓް ހަލުވި މިނެއްގައި ފެތުރެމުންދިޔަ ނަމަވެސް މިއީ ނުހުއްޓެވޭނެ ވަރުގެ ވައިރަހެއް ނޫނެވެ. މި ވޭރިއަންޓުން ނުރައްކާ ހާލަތަކަށް ބަލި މީހާ ނުގެންދިޔަ ނަމަވެސް ޕޮޒިޓިވް ވާ މީހުން އިތުރުވެގެން ދިއުމުގެ ސަބަބުން ގައުމުތަކުގެ ސިއްހީ ނިޒާމަށް ބުރޫ އެރުމުގެ ފުރުސަތު އެބަ އޮތް ކަމުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ކޮވިޑް ވެކްސިން މަސައްކަތްކުރާ މިންވަރު ދެނެގަތުމަށް އަދިވެސް ދިރާސާތައް ކުރެވެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އިތުރަށް ޑޯޒު ދީގެން ރައްކާތެރިކަން އިތުރުކޮށްދޭ މިންވަރު ދެނެގަތުމުގެ މަސައްކަތްވެސް ބަަލަމުން އަންނަ ކަމުގައި ފާހަގަކުރެއްވިއެވެ.

މިހާތަނަށް ޑިސެމްބަރު 6 ގެ ނިޔަލަށް ޔޫރަޕުގެ 18 ގައުމަކުން އޮމިކްރޯން ފެނިފައިވާއިރު މި ވޭރިއަންޓަށް ޕޮޒިޓިވް ވި އެންމެންގެ ކިބައިންވެސް ފެންނަނީ އާދައިގެ އަލާމާތްތައްކަމުގައި ޑަބްލިޔުއެޗްއޯ އިން ފާހަގަ ކުރެއެވެ. އަދި އެންމެ ފުރަތަމަ މި ވޭރިއަންޓު ފެނުނު ދެކުނު އެފްރިކާގައި ނޮވެމްބަރު 18 އާއި ޑިސެމްބަރު 4 އާއި ދެމެދު އެނދުމަތި ކުރަންޖެހޭ އަދަދު %82 މަތިވެފައިވާ ކަމަށާއި ނަމަވެސް މިއީ އޮމިކްރޯންގެ ސަބަބުން މަތިވި އަދަދުތައް ކަން ސާފުކޮށް ބުނަން ނޭނގޭ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ.

ޔޫރަޕުގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދުގެ %1 އަކީ އޮމިކްރޯން އަށް ވާނަމަ 2022 އަހަރުގެ ޖެނުއަރީ 1 އާއި ހަމައަށް ޔޫރަޕުގައި އެންމެ ގަދައަށް ފެތުރޭ ވޭރިއަންޓަށް އޮމިކްރޯން ވާނެ ކަމުގައި ޔޫރަޕިއަން ސެންޓާ ފޮ ޑިސީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ލަފާކޮށްފައިވާ ކަމުގައި ވެސް ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ.