ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ދަރިކަނބަލުން ސައިމާ ވާޒިދު، މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކަކާ ގުޅިގެން ކުރިއަށްދާ ތަހުގީގުތަކަކަށްފަހު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސައިމާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ތައުލީމީ ފެންވަރާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެއްވުމާއި، ޗައިނާއަށް ކުރެއްވި ދަތުރުފުޅަކާ ގުޅޭ މާލީ މުއާމަލާތްތަކެއްގައި މަކަރު ހެއްދެވުން ހިމެނެއެވެ. މީގެ އިތުރުން، ބަންގްލަދޭޝްގައި ގަވާއިދާ ހިލާފަށް ބިމެއް ހޯއްދެވި ކަމަށް ބުނާ މައްސަލައެއްވެސް ބަންގްލަދޭޝްގެ އެންޓި ކޮރަޕްޝަން ކޮމިޝަނުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި ތުހުމަތުތަކާ ގުޅިގެން ފާއިތުވި އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ ހުންނެވީ މުސާރަ ނުލިބޭ ގޮތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެވިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް އަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސައިމާ ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ކުރެވެނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، ޖަމިއްޔާގެ ވެރިންނާމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. މުސާރަ ނުލިބި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މާލީ ގޮތުން ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމަށްވެސް އެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ކުރީކޮޅު ފަސް އަހަރުގެ މުއްދަތަކަށް ސަރަހައްދީ ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ސައިމާއަށް މި ފިޔަވަޅުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ، އޭނާގެ މަންމާފުޅު ޝައިޚް ޙަސީނާގެ ވެރިކަން ބަދަލުވުމާ ގުޅިގެން އާއިލާއާއި ގާތް މީހުންނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގާނޫނީ ފިޔަވަޅުތަކުގެ ތެރެއިންނެވެ. ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ސައިމާގެ އިސްތިއުފާއަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސިފަކޮށްފައެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ކޮމެންޓް