ގައުމީ ކުތުބުހާނާއަކީ ޒިޔާރަތް ކުރާ މީހުންނަށް އެކަށީގެންވާ ފެންވަރެއްގެ ވަސީލަތްތައް ގާއިމުކޮށްފައިވާ ތަނަކަށް ހެދުމަށް ޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސައްކަތް ފަށައިފި އެވެ.

ބީއެމްއެލް އިން މިއަދު ވަނީ ހެރިޓޭޖު މިނިސްޓްރީއާއެކު މިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޓިމް ސޯޔާ އެވެ. ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ތޯރިގެވެ.

މި އެއްބަސްވުމުގައިވާ ގޮތުން ގައުމީ ކުތުބުހާނާގައި ސެކިއުރިޓީ ގޭޓެއް ގާއިމު ކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ ކުތުބުހާނާގެ ތާރީހުގައިވެސް މިފަދަ ގޭޓެއް ގާއިމު ކުރާ ފުރަތަމަ ފަހަރެވެ.

އޭގެ އިތުރުން ކުތުބުހާނާގައި ހުންނަ ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމާއި ޒަމާނީ ވަސީލަތްތަކާއެކު އޯޑިއޯ ރިކޯޑިން ބޫތެއް ގާއިމު ކުރާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފަ އެވެ. އަދި ކުތުބުހާނާގެ މެއިން ރީޑިން އޭރިޔާ އާއި ބައެއް ހިސާބުތައް އިތުރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، ކުތުބުހާނާގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުން ކުރުމަށް މިހާރު ބަހައްޓާފައިވާ ކޮމްޕިއުޓަރު ސިސްޓަމްތައް އަޕްގްރޭޑުކޮށް ކުތުބުހާނާއިން ކުރިއަށް ގެންދާ ޑިޖިޓައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ހަދިޔާކުރުމަށް ވެސް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޮޔާ ވިދާޅުވީ ގައުމީ ކުތުބުހާނާ އަކީ ހުރިހާ އުމުރުފުރައަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.

"ގައުމީ ކުތުބުހާނާ ފަދަ މުޖުތަމައަށް މުހިންމު ތަނެއްގެ މިފަދަ ބޮޑު ތަރައްގީއެެއް ގެނައުމަށް ގައުމީ ބޭންކެއްގެ ހައިސިއްޔަތުން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ފަހުރެއް." އޭނާ ވިދާޅުވި އެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ބޭންކުން ވަނީ މުޖުތަމައަށް ފައިދާ ކުރާނެ 12 ޕްރޮޖެކްޓެއް ހިންގުމަށް ނިންމާފަ އެވެ. ބީއެމްއެލް އަށް 40 އަހަރު ފުރޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.