މިއަދު 2:00 އަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހާޒިރު ކުރަން ނިންމައިފިއެވެ.
މާލޭ ސިޓީކައުންސިލް އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު މުއިއްޒު ދެންމެ ވިދާޅުވީ، މިއަދު 2:00 އަށް އޭސީސީ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މުއިއްޒު ވިދާޅެއް ނުވެއެވެ.
މިކަމާ ގުޅިގެން ވަން އޮންލައިން އިން އޭސީސީއާ ގުޅިނަމަވެސް މީޑިއާ އޮފިޝަލު ފޯނު ނުނަންގަވާތީ، އެކަމާބެހޭ މައުލޫމާތެއް ލިބޭ ގޮތެއް ނުވިއެވެ.
އޭސީސީއަށް ހާޒިރުވާން ޑރ. މުއިއްޒުއަށް އަންގާވައިވާއިރު، އަގު ދައްކައިގެން މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކު ކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މައްސަލަ ވަނީ އޭސީސީއަށް ހުށަހަޅައިފައެވެ.
މާލޭގެ ދިހަ ސަރަހައްދަކުން ޖުމުލަ 211 ޖާގައަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހު މާލޭ ސިޓީ ކައުންސިލުން ހުޅުވާލި ފުރުސަތުގައި ޖުމުލަ 965 މީހަކު ޕާކިން ސްލޮޓަށް ކުރިމަތިލައިފައިވެއެވެ.
ޕާކިން ސްލޮޓުތަކަށް މީހުން ހޮވުމަށް މާލޭ ސިޓީ ކައުންސިލުން މިދިޔަ އާދިއްތަ ރުވަހުގެރޭ ވަނީ ގުރުއަތު ނަގައިފައެވެ.
އޭސީސީގެ އޮފިޝަލަކު މީގެ ކުރިން "ވަން"އަށް ވިދާޅުވެފައި ވަނީ ޕާކިން ސްލޮޓުގެ ގުރުނެގުމުގެ މައްސަލަ އާންމު ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕާކިން ސްލޮޓުގެ ގުރު ނެގުމުގައި ބޭނުންކޮށްފައި ވަނީ ސްލިޕް ނަންބަރެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ޕާކިން ސްލޮޓަށް އެދި ފޯމު ހުށަހެޅުމުން ދިން ސްލިޕުގައި، ސްލިޕް ނަންބަރާއި ފޯމު ނަންބަރު ނެތް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕާކިން ސްލޮޓްތަކާ މެދު އާންމުންގެ ކަންބޮޑުވުން އިތުރުވުމާއެކު ސިޓީ ކައުންސިލުން ވަނީ ފޯމު ހުށަހެޅި އެންމެންނަށް ސްލިޕް ނަންބަރެއް ދީ، ގުރުއަތުން ހޮވުނު މީހުންގެ ލިސްޓު އާންމުކޮށްފައެވެ.
މީގެ ކުރިންވެސް އެހެން މައްސަލައެއްގައި މުއިއްޒު ވަނީ އޭސީސީއަށް ހާޒިރު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު