މާލޭގެ ޓީ ޖެޓީއާ މިމަހު 12 ގައި މާލޭ ސީޓީކައުންސިލުން ހަވާލު ވާނެ ކަމަށާއި، އެކަމަށް ހުރަސްއަޅަން ކޮންމެ ފަރާތަކުން ކުރާ ކޮންމެ ކަމަކީ ޣައިރުގާނޫނީ ކަމެއް ކަަމަށް މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީކައުންސިލްގެ އިހުތިސާސްގައިވާ ތަންތަނާމެދު، މާލޭ ސިޓީކައުންސިލާއި ސަރުކާރާ ދެމެދު އުފެދިފައިވާ ދެބަސްވުމުގައި ހިމެނޭ ކަންތައްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު މުއިއްޒު މިއަދު ވިދާޅުވީ، މާލޭގެ ބަނދަރު ތަކަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލާ ހަވާލު ކޮށްފައިވާ ތަންތަން ކަމަށެވެ.
އެގޮތުން ކުރިގެ މުނިސިޕަލްޓީ ޒަމާނުއްސުރެން ދެކުނު ހާބަރާއި، ޓީޖެޓީއަކީ ކައުންސިލްގެ ރަޖިސްޓްރީގައި އޮތްތަނެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެއީ ސިޓީކައުންސިލްގެ އަމިއްލަ ބިމެއް ކަން ގާނޫނީ ގޮތުން ވަރަށް ސާފު ކަމަށްވެސް ވިދާޅުވިއެވެ.
އެކަން އެހެން އޮތް ނަމަވެސް މުއިއްޒު ވިދާޅުވީ، އެތަން ސިޓީކައުންސިލާ ހަވާލު ނުކުރެވޭނެ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މާލޭ ސިޓީކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެތަން ސިޓީކައުންސިލާ ހަވާލު ކުރުމަށް މިހާރު އެތަނުގެ ބޭނުން ކުރަމުން އަންނަ އެމްޕީއެލްއަށް 90 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މުއްދަތު ހަމަވާނީ މިމަހުގެ 12 ވަނަަ ދުވަހަށް ކަމަށާއި، އެދުވަހުން ފެށިގެން މާލޭ ސިޓީން އެތަނާ ހަވާލުވެ އެތަނުގެ މަސައްކަތްތައް މާލޭ ސިޓީކައުންސިލުން ކުރިއަށް ގެންދަން ސިޓީކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ކައުންސިލުން ފާސްކޮށްފައިވާ ގޮތަށް މިމަހުގެ 12 ވަނަ ދުވަހުންފެށިގެން މާލޭސިޓީ ކައުންސިލުން ޓީޖެޓީ ހިންގަން ފަށާނެ ކަމަށާއި، އެކަމަށް އެއްވެސް ފަރާތަކުން ހުރަސް އަޅާ ނަމަ އެވާނީ ގާނޫނާހިލާފު ކަމަކަށް ކަމަށްވެސް ވިދާޅުވިއެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ، ޓީޖެޓީއާ ހަވާލުވާން ނިންމީ އެކަމާބެހޭ ގޮތުން، ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.
މުއިއްޒު މިހެން ވިދާޅުވިއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލުކޮށްފައިވާ މާލޭގެ ޓީޖެޓީ، އެކުންފުނީގެ ބާރުގެ ދަށުން ނެގޭނީ ހައުސިން މިނިސްޓްރީއަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު