އެމެރިކާގެ ކެލިފޯނިއާ، ސެންޓާ މޮނިކާ ގައި ޑިސެމްބަރު 7 ވަނަ ދުވަހު ވަނީ 47 ވަނަ ޕީޕަސް ޗޮއިސް އެވޯޑު ހަފުލާ ބާއްވާފައެވެ. ހޮލީވުޑް ތަރި ޑްވެއިން ޖޯންސަން ވަނީ މި ހަފުލާގައި ތިން އެވޯޑެއް ހާސިލުކޮށްފައެވެ.

ޕީޕަލްސް ޗޮއިސްގެ ޗެމްޕިއަންސް އެވޯޑާއި އެންމެ މޮޅު ފިރިހެން ތަރި އަދި އެންމެ މޮޅު ކޮމެޑީ ތަރީގެ އެވޯޑު ޑްވެއިން އަށް ވަނީ ލިބިފައެވެ. ނަމަވެސް މި ހަފުލާގައި އޭނާ ވަނީ ތަފާތު ގޮތަކަށް އެންމެންގެ ހިތްތަކާ ކުޅެލައިފައެވެ.

ޗެމްޕިއަން އެވޯޑާ ހަވާލުވާން ސްޓޭޖަށް އަރައި ޑްވެއިން ވަނީ ހަގީގީ ޗެމްޕިއަން އަކީ ބޮކްސިން ލެޖެންޑް މުހައްމަދު އަލީ ކަމަށް ބުނެފައެވެ. މުހައްމަދު އަލީގެ ހަނދާން އާކޮށް ޑްވެއިން ވަނީ އޭނާ ކުޑައިރު މުހައްމަދު އަލީ އާ ބައްދަލުވި ކަމަށާއި އެއީ މަޖާ އަދި ރަނގަޅު މިޒާޖެއްގެ މީހެއް ކަމަށް ބުނެފައެވެ.

އޭގެ އަހަރުތަކެއް ފަހުން ބެލުންތެރިންގެ ވޯޓުން ޗެމްޕިއަން އެވޯޑު ހާސިލުކުރެވި ސްޓޭޖަށް އަރައި ހުރިއިރު ޗެމްޕިއަން އެވޯޑުގެ އަގު އޭނާ އަށް ވަޒަން ކުރެވޭ ކަމަށާއި އެއީ ހީކުރާ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށް ޑްވެއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ވަކި ކުލައަކަށް ވަކި ނަސްލަކަށް ތަފާތު ކުރުމެއް ނެތި އެންމެންނަށްވެސް ހެޔޮކޮށް ހިތުމާއި، އަޅައިލައި ލޯބި ދިނުން މުހިއްމު ކަމުގައި ޑްވެއިން ބުނެއެވެ.

ޑްވެއިން ބުނީ މުހައްމަދު އަލީއާ އޭނާ އެންމެ ފަހު ފަހަރަކަށް ބައްދަލުވަނީ ''މޭކް އަ ވިޝް'' އިވެންޓަކުން ކަމަށާއި އެންމެ ފަހު ބަހަކަށް އޭނާ ވަނީ ޑްވެއިން އަށް ހިތްވަރުގެ ބަސްތައް އިއްވާފައިކަމަށެވެ.

އެއަށްފަހު ޑްވެއިން ވަނީ ''މޭކް އަ ވިޝް''އިން ފުރުސަތު ލިބުނު ސުޝާނާގެ ނަން އިއްވައި މިއީ ސުޝާނާ އެންމެ ހާސިލުކުރަން ބޭނުންވި ކަންތައް ކަމަށް ބުނެ ސްޓޭޖަށް އަރުވާފައެވެ.

ޑްވެއިން ވަނީ ސުޝާނާ ސްޓޭޖަށް އަރުވައި އޭނާގެ އަގު ވަޒަންކޮށް ވާހަކަ ދައްކާފައެވެ. އެއަށްފަހު އެންމެން ހައިރާން ކޮށްލީ ޑްވެއިން އަށް ލިބުނު އެވޯޑު ސުޝާނާ އަށް ދިނުމުންނެވެ. އެންމެންގެ ޗެމްޕިއަންއަކަށް ވުމުގެ ހުރިހާ ސިފައެއް ސުޝާނާގެ ފުރިހަމަވާ ކަމަށް ބުނެ ޑްވެއިން ވަނީ އެވޯޑު ސުޝާނާއަށް ރައްދުކޮށްދީފައެވެ. އަދި އެވޯޑު އޭނާއަށް ދެމުން ޑްވެއިން ވަނީ މުހައްމަދު އަލީގެ ނަސޭހަތުގެ ބަސްކޮޅެއްވެސް އިއްވާފައެވެ.

ޑްވެއިންއަށް ގިނަ ބައެއްގެ ލޯބި ލިބެނީ އަދި ޗެމްޕިއަން އެވޯޑު ހައްގު ވަނީ މިހެންވެ ކަމާ މެދު ދެބަސްވެވެން ނެތް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

''މޭކް އަ ވިޝް'' އަކީ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުން އަންނަ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ހުވަފެންތަކުގައި ކުލަޖައްސައިދިނުމަށް ހިންގަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.