މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލުކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުން ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށް އެޗްޑީސީން އެ ޖަލްސާ ބޭއްވޭނީ އެކުންފުނީގެ ހުއްދަ ނަގައިގެން ކަމަށް ބުނުމުން ސިޓީ ކައުންސިލާ ދެބަސްވުން އުފެދިފައި ވަނިކޮށެވެ.
ހުޅުމާލޭ ރެޖިސްޓްރީ ބާތިލުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ. ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. ނަރީޝްގެ ހުށަހެޅުއްވުމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ ދެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ މެންބަރުން ވަނީ ތާއީދުކޮށްފައެވެ.
އެކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރެނު ބަޔާނެއްގައި ވަނީ ހުޅުމާލޭގެ ބިމަކީ އެ ކޯޕަރޭޝަނުގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަމަށެވެ. އަދި ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލުކޮށްފައިވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި ބިމާ ބެހޭ ގާނޫނުގެ 24 ވަނަ މާއްދާ އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ހިލާފަށް ކަމަށާއި އަދި އެއީ ނާތަހުޒީބު ނިންމުމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ބިންވެސް އަމިއްލަ ބިމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި އަދި ރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާ ގުޅިފައިވާ އެންމެހައި މަންފާތަކާއި މަސްލަހަތުތަކާއި ހައްގުތައް ލިބިދީފައިވުން ކަމަށެވެ. އަދި ރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނުގައިވާ ގޮތުން ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށްވެސް ބަޔާނުގައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނީ ގާނޫނު އަސާސީގައިވާ ގޮތުން އަމިއްލަ މުދަލަކީ ގާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫން ކަމަށާއި ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުން ނެތި ނެގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ. އަދި ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ކަނޑައެޅި ބަޔާންވެގެންވާ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫނީ ބާތިލުކުރެވޭނެ ހައްގެއް ނޫން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
"ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާ ގުޅިގެން މި ކޯޕަރޭޝަނަށް ލިބިފައިވާ އެންމެހައި ހައްގުތައް މި ކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި މިކަމުގެ ސަބަބުން މި ކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ އުފުލާނެ ވާހަކަ ދަންނަވަން،" އެޗްޑީސީގެ ބަޔާނުގައިވެއެވެ.
ހުޅުމާލޭ ރަޖިސްޓްރީ ބާތިލުކުރަން ނިންމާފައިވަނީ ލާމަރުކަޒީ ނިޒާމުން ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހުޅުމާލެ ކަނޑައަޅަފައި އޮތް ނަމަވެސް ހުޅުމާލޭގެ އާންމު ހިދުމަތްތަކަށް އެޗްޑީސީގެ ސަބަބުން ބުރޫ އަރާތީ ކަމަށް ބުނެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު