މާލޭގެ ޓީ ޖެޓީއާ މާލޭ ސިޓީ ކައުންސިލުން ހަވާލުވުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރަން ފާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ޓީ ޖެޓީއާ ހަވާލުވުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ފާސްކުރީ، މިއަދު ބޭއްވި އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
ހުޅަނގު ހާބަރުގައިވާ ޓީ ޖެޓީ ސަރަހައްދު ހިިންގައި ބަލަހައްޓަމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. އެ ކުންފުންޏާ ޓީ ޖެޓީ ހަވާލުކުރީ މިހާރު މާލޭގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި 2015 ވަނަ އަހަރުގައެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ، ޓީ ޖެޓީ ހިންގުމަށް އެމްޕީއެލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، 90 ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލާ ޓީ ޖެޓީ ހަވާލުކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެމްޕީއެލަށް އަންގައިފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލުން ޓީ ޖެޓީއާ ހަވާލުވުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރަން ފާސްކުރީ، އެމްޕީއެލްއަށް ދިން މުއްދަތު މިމަހުގެ 12 އަށް ހަމަވާތީ ކަމަށެވެ.
މާލޭގެ މޭޔަރު ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވީ، ސިޓީ ކައުންސިލުގެ ފަރާތުން ޓީ ޖެޓީ ދިނުމަށް އެދި ރައީސް އޮފީހަށާއި އެމްޕީއެލަށް ސިޓީއެއް ފޮނުވުމުން، ރައީސް އޮފީހުން ނިންމީ ސިޓީ ކައުންސިލަށް އެތަން ނުދިނުމަށް ކަމަށެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމުގެ ގާނޫނާ ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއްގެ ގޮތުގައި މުއިއްޒު ސިފަކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު