ނުކުޅެދުންތެރިކަން ހުންނަ ހާލިދު އަބްދުﷲ ދުއްވި ސައިކަލުގައި ކާރަކުން ޖެއްސި ކަމަށް ބުނާ ހަބަރު ފުލުހުން ދޮގުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީ ބުރިޖު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ހާލިދަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މިހާރުވެސް އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ.

މީގެ ކުރިން ވާހަކަ ދެކެވިފައިވަނީ ހާލިދުގެ ސައިކަލުގައި ކާރަކުން ޖައްސާފައި ކާރުގައި އިން މީހާ ފިލާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ ހާލިދު ވެއްޓުނީ އޭނާގެ ސައިކަލް އަނބުރައިލުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ.

އޮފިސަރު ވިދާޅުވީ ފުލުހުންގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފޫޓޭޖުތައް ބަލައި މިހާތަނަށް ކުރި ތަހުގީގުން އެކްސިޑެންޓު ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެން ނޫންކަން އެނގިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓު ހިނގާފައިވަނީ ކާރު އަންނަތަން ފެނުމުން ސައިކަލުގައި އިން މީހާއަށް ހަދައިލެވުނު ގޮތުން ވެއްޓުމުން ކަމަށެވެ.

މި މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.