މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލު ކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލްކޮށްފައި މިވަނީ އިދިކޮޅު ކޯލިޝަނުން ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން ތައްޔާރު ވެފައި ވަނިކޮށް އެޗްޑީސީން އެ ޖަލްސާ ބޭއްވޭނީ އެކުންފުނީގެ ހުއްދަ ނަގައިގެން ކަމަށް ބުނުމުން ސިޓީ ކައުންސިލާ ދެބަސްވުން އުފެދިފައި ވަނިކޮށެވެ.
ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ވަނީ މި ޖަލްސާ ބޭއްވުމުގެ ހުއްދަ އިދިކޮޅު ކޯލިޝަނަށް ދީފަ އެވެ.
ހުޅުމާލޭ ރެޖިސްޓްރީ ބާތިލު ކޮށްފައިވަނީ މާލޭސިޓީ ކައުންސިލުގައި މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމެއްގަ އެވެ. ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.
ނަރީޝްގެ ހުށަހެޅުއްވުމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ ދެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ މެެންބަރުން ވަނީ ތާއީދު ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ހުޅުމާލޭ ރަޖިސްޓްރީ ބާތިލު ކުރަން ނިންމާފައިވަނީ ލާމަރުކަޒީ ނިޒާމުން ސިޓިކައުންސިލްގެ އިހުތިސާސްގައި ހުޅުމާލެ ކަނޑައަޅަފައި އޮތް ނަމަވެސް ހުޅުމާލޭގެ އާންމު ހިދުމަތްތަކަށް އެޗްޑީސީގެ ސަބަބުން ބުރޫ އަރާތީ ކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.
"މިކަމަށް ހައްލެއް ހޯދަން ރައީސް ސޯލިހާ ވެސް ބައްދަލު ކުރިން. އާންމު ހިދުމަތްތަކަށް އެކަންޏެއް ނޫން ބުރޫ އަރަނީ. މުނިސިޕަލް ހިދުމަތްތަކަށްވެސް ބުރޫ އަރާ އެޗްޑީސީގެ ސަބަބުން. މިހެން މިކަން އެލްޖީއޭ އަށްވެސް ހުށަހެޅިން. މަޖިލިސް ތެރެއިންވެސް މިކަމަށް މަސައްކަތް ކުރިން. އެކަމަކު މިކަން ހައްލު ނުވެ ދިގުލައިގެންދާތީ މިގޮތަށް ނިންމީ." އޭނަ ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ އެޗްޑީސީން ކޯޓަށް ދާން ބޭނުންވާ ނަމަ ދާންވީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު