ޚަބަރު

ނޫމަރާ ފަރަށް އެރި ބާޖުގެ ވެރިފަރާތް 61.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ށ. ނޫމަރާ ފަރަށް 2019 ވަނަ އަހަރު އެރި ބާޖުގެ ވެރިފަރާތް 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެ ބާޖަކީ ނޫމަރާގެ ބަނދަރު ހެދުމަށް ގެންދިޔަ "މެރިން ޕަވާ-2317" ނަމަކަށް ކިޔާ ބާޖެކެވެ. އެ ބާޖު އުރުނީ ނޫމަރާގެ ނެރުމައްޗާ ދިމާލު ފަރަށެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, ނޫމަރާ ފަރަށް އެބާޖު އެރުމާ ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61.6 މިލިއަން ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް ބާޖުގެ ރާއްޖޭގެ އެޖެންޓު, ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް މިމަހުގެ ދެވަނަ ދުވަހު އަންގާފައިވާނެ ކަމަށް ބުންޏެވެ.

އީޕީއޭ އިން ބުނީ, އެ ބާޖު ފުންކޮށް އެ ސަރަހައްދަށް ފެތިފައި އޮތް ބާޖުގެ ބައިތައް އެ ސަރަހައްދުން ނަގައި ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ހެދި ސާވޭއިން 1632 އަކަމީޓަރުގެ ސަރަހައްދަކީ ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.