މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މާލޭ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ޑްރަގު ނެޓްވޯކެއް ކަމަށް ބުނާ 8 މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަގައި ވަނީ ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެ ނުވަ ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ ނުވަ ގެއެއް ބަލައިފާސް ކުރުމުގެ ތެރެއިންނެވެ. ފުލުހުން ވަނީ އޮޕަރޭޝަން ތެރެއިން މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ރަބަރު ޕެކެޓާއި، މަނީ ކައުންޓިން މެޝިނުގެ އިތުރުން މަސްތުވާތަކެތި ވިއްކައިގެން ހޯދިކަމަށް ތުހުމަތުކުރެވޭ 4.6 މިލިއަން ރުފިޔާ ހޯދައިފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދު އާއި ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހްމަދު ސުނައިނު އާއި މއ. ވައިލެޓްމާގެ އަސްލަމް ނާޒިމް އާއި، ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރު އާއި ލ. ކަލައިދޫ މަތަރަސްމާގެ ހުސައިން ޒަހީންގެ މައްޗަށެވެ. މި އެންމެންގެ މައްޗަށް ދައުލަތުން ކުރަނީ މަސްތުވާތަކެތި ޓްރެފިކްކުރިކަމުގެ ދައުވާއެވެ. ދެން ހައްޔަރުކުރި އަހްމަދު ގިޔާސް އާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލްގެ އިތުރުން ޅ. ނައިފަރު މިސްކިތްދޮށުގެ އަހްމަދު އިމްސާހުގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

އެ މައްސަލަ ބެލުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހުކުމްކުރީ، ފުލުހުން ބަލައިފާސްކުރި ގެތަކުން ފެނުނު ރަބަރު ޕެކެޓާއި، މަނީ ކައުންޓިން މެޝިނާއި އަދި 4.6 މިލިއަން ރުފިޔާއާ މަސްތުވާތަކެއްޗާ ގުޅުވައިލެވޭ ހެއްކެއް ނުވަތަ ގަރީނާއެއް ފުލުހުން ހުށަހަޅާފައި ނެތުމުން އެތަކެއްޗާ ބަންދުގައި ތިބި މީހުންނާ ގުޅުވައިލެވެން ނެތް ކަމަށެވެ. އެ ހުކުމުގެ ސަބަބުން ހަ މީހަކު ވަނީ ސަލާމަތް ވެފައެވެ. ބާކީ ތިބި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ހަ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާކަމަށް އިއްޔެ ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ބުނީ، ފެނުނު މަސްތުވާތަކެއްޗާ ދައުވާ ލިބޭ މީހުނާ ގުޅުވައިލެވޭ ވަރަށް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ނެޓްވޯކުގެ ބޮޑަކީ އަރުޝަދު ހާލިދު އެވެ. މައްސަލައިގައި އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ވަނީ މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާކަމަށް އިއުތިރާފު ވެފައެވެ. ނަމަވެސް ހުކުމުގެ ސަބަބުން އޭނާ ވަނީ ސަލާމަތްވެފައެވެ. އަލީ ޒުބެއިރު ދޫކޮށްލަން ޖެހުނީ ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ވަން ގޮތް އިޖުރާތާ އެއްގޮތް ނުވުމުންނެވެ. އަމުރުގައި ބުނެފައިވަނީ، ފުލުހުން އަލީ ޒުބެއިރު އުޅޭ ގެއަށް ވަންއިރު އެގޭގައި މީހަކު ނެތް ކަމަށެވެ. ދައުވާ ލިބުނު އެންމެން ފޯނުތަކުގައި އެކަކު އަނެކަކުގެ ނަންބަރު ސޭވްކޮށް، ގިނަ ކޯލްތައް ބަދަލުކޮށްފައިވާއިރު، އެކަކު އަނެކަކަށް ކޮށްފައިވާ މެސެޖުތަކާއި މަސްތުވާކެތި ބަންދުކޮށްފައިވާ ގޮތަށް ބަލާއިރު ވެސް މިއީ ގުޅިގެން އެއް ނެޓްވޯކެއްގެ ގޮތުގައި މަސައްކަތް ކުރި ބައެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އެ ތުހުމަތު ސާބިތުރަން ހުށަހެޅި ހެކި ކޯޓުން ވަނީ ބަލައިނުގަނެފައެވެ.

މި މައްސަލައިގައި ކުށް ސާބިތުވީ ޒަހީން އާއި އަސްލަމްގެ މައްޗަށެވެ. އެ ދެ މީހުން ވެސް އުމުރަށް ޖަލަށްލައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރިއެވެ. އެ ދެ މީހުން ކުށްވެރިވީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއިންނެވެ.