ހުޅުމާލޭގެ އެއްވެސް ބިމެއް މާލޭ ސިޓީ ކައުންސިލަށް ދޫ ނުކުރެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބޭއްވުމަށް ސިޓީ ކައުންސިލުން ހުއްދަ ދީ އެކަން ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެޗްޑީސީއަށް އަންގާފައެވެ. ސިޓީ ކައުންސިލުން އެޗްޑީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އެ ހުއްދަ ދީފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަކީ އެ ކައުންސިލްގެ އިހްތިސޯސް ތެރޭގައި ހިމެނޭ ދެ ބިން ކަމުގައި ވާތީއެވެ.
"ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން 10 ޑިސެމްބަރު 2021 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ސަރަހައްދުގައި ބޭއްވުމަށް ވާނީ މި ކައުންސިލުން ހުއްދަ ދީފަ އެވެ. މި ކައުންސިލުން އެ ހުއްދަ ދީފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަކީ މި ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ 2 ބިން ކަމުގައި ވާތީ އެވެ. ވީމާ ތިޔަ ކުންފުނީން އެއްބާރުލުން އެންމެ ފުރިހަމައަށް މިކަމުގައި ދެއްވުން އެދެމެވެ." ފަހެއް ޑިސެމްބަރުގައި، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް ސޮއިކުރައްވައި، އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހެއިލް އަހުމަދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން އެޗްޑީސީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ސޮއިކުރައްވައި، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް މިދިޔަ ހޯމަ ދުވަހުގެ ތާރީހުގައި ފޮނުއްވި ސިޓީގައި ބުނީ، ހުޅުމާލޭގެ ބިމަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އުފެދިފައިވާ ގާނޫނީ ވަކި ޝަހްސެއްގެ މިލްކުވެރިކަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އެފަރާތުގެ މިލްކުގައިވާ ބިމެއް ކަމަށްވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ 56-2 ވަނަ މާއްދާއަކީ ސިޓީ ކައުންސިލްގެ އިހްތިސޯސް ބަޔާންކުރާ މާއްދާކަމާއި މި މާއްދާގެ (ހ) ގައި ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ އެންމެހައި ތަކެތީގެ މިލްކުވެރިފަރާތަކީ ސިޓީ ކައުންސިލްކަމަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ށ) ބަޔާން ކުރަނީ، މިމާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާއްމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަސީލަތްތަކާއި ބިނާތަކާއި އުފުލޭ ހަރުމުދަލާއި ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމަށެވެ.
"މި ގޮތަށް މި މާއްދާގެ މި އަކުރުގައި ބުނެފައިވާއިރު، ހުޅުމާލޭގެ ބިމަކީ މި ކުންފުނީން ހަރަދުކޮށްގެން އުފައްދައި އަދި މި ގާނޫނު ވުޖޫދު ވުމުގެ މާ ކުރީން މި ކުންފުނީގެ މިލްކުގައިވާ ބިމެއް ކަމާއި މި ކުންފުނީގެ މިލްކުވެރިކަމުގައިވާ އެއްވެސް ވަސީލަތެއްގެ ބޭނުން ހިފުމުގެ ހުއްދައަކީ މާލޭ ސިޓީ ކައުންސިލުން ދޫކުރެވިދާނެ ހުއްދައެއް ކަމުގައި މި ކުންފުނީން ނުދެކޭތީ، ހަވާލާދެވިފައިވާ ސިޓީގައި އެދިލައްވާފައިވާ ގޮތުގެ މަތީން އަމަލުކުރަން ދަތިކަމާއި އަދި އެއްވެސް ފަރާތަކަށް މި ކުންފުނީގެ މިިލްކުގައިވާ ތަންތަނާއި ތަކެތި ބޭނުންކުރުމުގެ ހުއްދަ ތިޔަ ކައުންސިލުން ދެއްވަމުން ނުގެންދެވުމަށް ދެންނެވީމެވެ. ނަމަވެސް މި ކުންފުނީގެ މިލްކުގައިވާ ތަންތަނާއި ވަސީލަތްތައް ބޭނުންކުރެއްވުމަށް އެހެން ފަރާތްތަކުންވެސް އަމަލުކުރައްވާ އުސޫލުގެ ތެރެއިން މި ކުންފުންޏަށް ލިޔުއްވުމުން އެ ހުއްދަތައް ދޫކުރަން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ފުރުސަތު އޮންނާނެ ކަމުގައި ދެންނެވީމެވެ." ސުހެއިލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މި މައްސަލަ އެޗްޑީސީގެ ފަރާތުން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެ ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ.
ނަމަވެސް އިދިކޮޅުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެޗްޑީސީން ބުންޏެވެ.
ޕޮލިސް ކޮމިޝަނަރަށް ފޮނުވި ސިޓީގައި އެޗްޑީސީން ބުނެފައި ވަނީ ޕީޕީއެމުން ބާއްވަން އުޅޭ ޖަލްސާއަކީ އެ ކުންފުނީން ހުއްދަ ހޯދާފައިވާ ޖަލްސާއެއް ނޫން ނަމަވެސް، އެ ފަރާތުން މި ޖަލްސާ ބޭއްވުމުގެ ކަންކަން ރާވައި، މީޑިއާގެ ޒަރީއާއިން އާންމު ފަރާތްތަކަށް ޖަލްސާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"ވީމާ މި ފަދަ ކަންކަމާ ގުޅޭގޮތުން ތިޔަ ސާވިސްގެ ފަރާތުން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އަމަލުކޮށްދެއްވުމަށް އެދި ދެންނެވީމެވެ." އެޗްޑީސީން ސީޕީ ހަމީދަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު