ހިޔާ ފުލެޓުތަކުގެ ބައެއް އެޕާޓުމަންޓުތަކުގެ ފެނުގައި ދަބަރު ހުރި ކަމަށް ބުނެ އެތަނުގައި ދިރިއުޅޭ މީހުން ޝަކުވާ ކޮށްފި އެވެ.

މި މައްސަލަ ދިމާވެފައިވަނީ ހިޔާގެ 14 ވަނަ ޓަވަރުގަ އެވެ. އެ ޓަވަރުގައި ދިރިއުޅޭ މީހުން ކަމަށްބުނެ އެ ފެނުގެ ފޮޓޯ އާއި ވީޑިއީޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ބައެއް މީހުން ވަނީ ސިންކު އިސްކުރުން ދަބަރުފެން އަންނާތީ އެއީ ރައްކާތެރިކަން ކަށަވަރުވެފައިވާ ފެންތޯ ސުވާލު އުފައްދައިފަ އެވެ.

އެޗް 14 ޓަވަރުގައި ދިރިއުޅޭ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނީ އިއްޔެ ހަވީރުން ފެށިގެން ސިންކާއި، ފާހާނާގެ ހުންނަ އިސްކުރުތަކުން ދަބަރު ފެން އަންނަ ކަން ފާހަގަވެފައިވާ ކަމަށެވެ. މި ފެނަކީ ބައެއް މީހުން ބޯން އަދި ކެއްމުމަށްވެސް ބޭނުން ކުރާ ފެނެކެވެ.

ހިޔާ ޔޫނިއަން އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ހިޔާ ފުލެޓުތަކުގެ ފެން ރަނގަޅަށް ބަލައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ހިޔާ ވެރީންނަށް އިތުރަށް އިހުމާލު ނުވުމަށް އެ ޔޫނިއަން އިން ވަނީ ގޮވާލާފަ އެވެ.

ހިޔާ ފުލެޓަށް ފެނުގެ ހިދުމަތް ދެމުން އަންނަނީ އެމްޑަބްލިޔުއެސްސީންނެވެ.

އެމްޑަބްލިޔު އެސްސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ފެން ތަހުލީލު ކުރުމަށް ސާމްޕަލްވެސް ނަގާފައިވާ ކަމަށެވެ.