ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން މިއަހަރު އިންޓަނޭޝަނަލް ފުލައިޓު އޮޕަރޭޓު ކުރުމުގެ ހުއްދަ ރާއްޖޭގެ ތިން އެއާލައިނަކަށް ދީފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލް އަގުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގަ އެވެ.
މިއަހަރުގެ މައިގަނޑު އަމާޒަކީ ކޮވިޑް-19އިގެ ހާލަތުން އަރައިގަތުން ކަމަށާއި އަދި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްގީ ކުރުން ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
އެގޮތުން، ރާއްޖޭގެ އެއާލައިންތަކުގެ ހަރަކާތްތައް އިތުރު ކުރުމާއި އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި އިންޓަނޭޝަނަލް ފުލައިޓްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ މިހާރު ރާއްޖޭގެ ތިން އެއާލައިނަކަށް ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދިޔަ ކަމަށާއި އެގޮތުން، އޭޕްރަން އަށް މުޅީން އަލަށް ބައިތަކެއް އިތުރުކޮށް ބޭނުންކުރަން ފެށުމުގެ އިތުރުން، ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކުރެވި މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
މި އަހަރު ފެށިގެން ދިޔައީ އާލަމީ ޕެންޑެމިކުގެ އަސަރުތަކުން އަރައިގަނެ މަދަނީ ވައިގެ ދަތުރު ފަތުރުގެ ހަރަކާތްތަކުގެ ދުވެލި ހަލުވި ކުރުމުގެ ހަރަކާތްތަކާއެކުގައި ކަމަށާއި އެގޮތުން، ސިއްހީގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއެކު އުދުހުމުގެ ހަރަކާތްތައް "ނިއު ނޯމަލް" މާހައުލުގައި ކުރިއަށް ގެންދެވުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މައިގަނޑު އަމާޒަކަށްވީ ވައިގެ މަގުން އުދުހުމުގެ ހުރިހާ ހަރަކާތްތަކަށް ދިރުން ގެނުވައި 2019 ވަނަ އަހަރުގެ ހާލަތާ އެއް ހަމަކޮށް އިތުރު ކުރިއެރުން ހޯދުން. އިރާދަ ކުރެއްވިއްޔާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެ މަދަނީ ވައިގެ ދަތުރު ފަތުރުގެ ހަރަކާތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނީ "ފެސިލިޓޭޝަން" ދާއިރާއިންނާއި "ސޭފްޓީ" ދާއިރާއިން ބަހުސްކޮށް މަޝްވަރާކުރެވި އެކުލަވާލެވުނު "މިނިސްޓީރިއަލް ޑެކްލަރޭޝަން" އާއި އެއްގޮތްވާ ގޮތުގެ މަތީން." އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާ ކުރިއެރުވުމުގެ ބާބެއްގެ ގޮތުގައި ސިވިލް އޭވިއޭޝަންގެ ފަންނީ ގާބިލުކަން އިތުރު ކުރުމުގެ ހަރަކާތްތައް އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް އަންނަނީ ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ޔޫރަޕިއަން ޔޫނިއަންގެ ފަންނީ އެހީތެރިކަމާއެކު ހިންގޭ ސަރަހައްދީ ޕްރޮގްރާމު "އީޔޫ – ސައުތް އޭޝިއާ ޕާޓްނާޝިޕް ޕްރޮޖެކްޓް"ގެ ދެވަނަ ޕްރޮޖެކްޓް މިއަހަރު ފަށާފައިވާއިރު، ރާއްޖެއަކީ އެ ޕްރޮޖެކްޓުގެ ބައެއް ކަމަށްވެސް ވިދާޅުވި އެވެ.
ސަލާމަތީ މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް ރެގިއުލޭޓަރީ ފްރޭމްވޯކް އިތުރަށް ފުޅާ ކުރުމުގެ ހަރަކާތްތައްވެސް މިއަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ. އެގޮތުން، ރާއްޖެއިން އިހުތިޔާރުކޮށްފައިވާ ޔޫރަޕިއަން ސޭފްޓީ ރެގިއުލޭޝަން ސްޓްރަކްޗާ އާއި އެއްގޮތްވާ ގޮތުގެ މަތީން އެއާވާދިނަސްގެ ދާއިރާއިން ގާއިމު ކުރެވިފައިވާ ގަވާއިދުތަކަށް ބޮޑު ބަދަލުތަކެއް ގެނެވި މިއަހަރު ސިނާއަތުގެ ބައިވެރިންގެ ހިޔާލާއި މަޝްވަރާއަށް ހުޅުވާލެވުނު ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، "ކާބަން އޮފް ސެޓިން އެންޑް ރިޑަކްޝަން ސްކީމް ފޯ އިންޓަނޭޝަނަލް އޭވިއޭޝަން (ކޯސިއާ)" ގައި ރާއްޖެއިން ބައިވެރިވުމުގެ އިންތިޒާމުތައް ކުރިއަށް ދާއިރު ގަވާއިދު އެކުލަވާލައި މި އަހަރުގެ އޭޕްރީލްމަހު ގެޒެޓު ކޮށްފައިވާ ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ. އަދި ރާއްޖެއަށް އޮޕަރޭޓު ކުރާ ބައިނަލް އަގުވާމީ އެއާލައިންތައް އެއްހަމައެއްގައި އަދި ދެފުށް ފެންނަ އުސޫލުގެ ތެރެއިން ރެގިއުލޭޓު ކުރުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި ގަވާއިދެއް ސިނާއަތުގެ ބައިވެރިންގެ މަޝްވަރާއާއި ހިޔާލާއެކު އެކުލަވާލައި އާންމު ކުރުމުގެ މަސައްކަތް މިހާރު އެންމެ ފަހުގެ މަރުހަލާގައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސަރަހައްދީ ޕްރޮޖެކްޓުތަކަށް ބަލާއިރު، އައިކާއޯ ފްރޭމްވްކޯކުގެ ތެރޭގައި ހިމެނޭ "ކޮސްކެޕް-ސައުތް އޭޝިއާ"ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތައް ފާހަގަކޮށްލެވޭ ކަމަށާއި ކޮސްކެޕްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އޮފީސް ގާއިމުކުރަނީ މެމްބަރު ގައުމުތަކުގެ މެދުގައި ދައުރުވާ އުސޫލުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، މެމްބަރު ގައުމުތަކުން ކަޑައަޅާފައިވާ ގޮތުގެ މަތީން މިއަހަރު ރާއްޖޭގައި ކޮސްކެޕްގެ އޮފީސް ގާއިމު ކޮށްފައިވާކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު