މެޗުގެ ފަހު މިނެޓުގައި ޑެމަރާއި ގްރޭ ޖެހި ހިތްގައިމު ގޯލާއެކު އެވަޓަން އިން އާސެނަލްގެ މައްޗަށް ކުރި ހޯދައިފިއެވެ.
އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، ރޭގެ މޮޅަކީ އެވަޓަންގެ ކޯޗު ރަފޭލް ބެނިޓޭޒް އަށް ޕްރެޝަރު ކުޑަކޮށްލަ ދިން މޮޅެވެ. އެޓީމަށް މިހާތަނަށް ލީގުގައި ދަށް ނަތީޖާތަކަކާ ކުރިމަތިލާން ޖެހިފައި އޮތް އިރު، މެޗަށް ނުކުތް އިރުވެސް އޮތީ 1994 ވަނަ އަހަރަށްފަހު ޓީމު އޮތް އެންމެ ދަށް ފޯމުގައެވެ. ރޭގެ މެޗަކީ އެންމެފަހުން އެވަޓަން އިން ކުޅުނު ނުވަ މެޗުން ހޯދުނު ފުރަތަމަ މޮޅެވެ.
މެޗުން މޮޅުވެ އެވަޓަން ލީގު ތާވަލުގެ 12 ވަނައަށް ޖެހިލައިފައިވާ އިރު، ފަސްވަނައިގައި މި ހަފުތާ ފެށި އާސެނަލް ވަނީ ހަތްވަނައަށް ވެއްޓިފައެވެ. އާސެނަލްއަށް 15 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ.
އެވަޓަން އިން އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު ކްލަބުގެ ތެރޭގައި ކޮންމެވެސް ވަރަކަށް މައްސަލަތަކެއްވެސް އުޅުނެވެ. އެ މެޗަށްފަހު ކްލަބުގެ ޑިރެކްޓާ އޮފް ފުޓުބޯލްގެ މަގާމުގައި ހުރި މާސެލް ބްރޭންޑްސް އެމަގާމުން އިސްތިއުފާވެސް ދިނެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން އެވަޓަން ދެއްކި ކުޅުމަށް ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑަށް ހިތްވަރު ދިންތަން މެޗުގައި ފެނުނެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލް ފެނުނީ ފުރަތަމަ ހާފްގެ ފަހު މިނެޓުގައެވެ. ކީރަން ޓީނޭ ނަގައިދިން ހުރަހަކުން އާސެނަލްއަށް ގޯލް ޖަހައިދިނީ މާޓެން އޮޑެގާޑެވެ. ދެވަނަ ހާފަށް ނުކުމެވެސް އާސެނަލްއިން ލީޑުގައި ހިފަހައްޓަމުން އަންނަނިކޮށް އެވަޓަންއިން ވަނީ 79 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ރިޗާލްސަން އެވެ.
ރޭގެ މެޗުގައި ރިޗާލްސަން ގޯލް ޖެހުމުގެ ކުރިން އޭނާ ވަނީ އިތުރު ދެ ބޯޅައެއްވެސް ގޯލަށް ވައްދާލައިފައެވެ. އެހެންނަމަވެސް އެ ދެފަހަރުވެސް ވީއޭއާރް ބަލައިގެން ރެފްރީ ނިންމީ ބޯޅައަށް މަސައްކަތްކުރިއިރު ރިޗާލްސަން އޮފްސައިޑު މަގާމެއްގައ އޮތް ކަމަށެވެ. ރިޗާލްސަންގެ ގޯލާއެކު ހިތްވަރު އާކޮށް އެވަޓަންއިން މޮޅުވި ގޯލު ޖެހީ ފަހު މިނެޓުގައެވެ. ގްރޭގެ ހިތްގައިމު ގޯލާއެކު މުޅި ސްޓޭޑިއަމް ގުގުމާލިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު