މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
މާލޭގެ ދިހަ ސަރަހައްދަކުން ޖުމުލަ 211 ޖާގައަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހު މާލޭ ސިޓީ ކައުންސިލުން ހުޅުވާލި ފުރުސަތުގައި ޖުމުލަ 965 މީހަކު ޕާކިން ސްލޮޓަށް ކުރިމަތިލައިފައިވެއެވެ.
ޕާކިން ސްލޮޓުތަކަށް މީހުން ހޮވުމަށް މާލޭ ސިޓީ ކައުންސިލުން ބޭއްވި ގުރުއަތު ނަގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އޭސީސީގެ އޮފިޝަލަކު "ވަން"އަށް މިރޭ ވިދާޅުވީ، ޕާކިން ސްލޮޓުގެ ގުރުނެގުމުގެ މައްސަލަ އާންމު ފަރާތަކުން އެ ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ޕާކިން ސްލޮޓުގެ ގުރު ނެގުމުގައި ބޭނުންކޮށްފައި ވަނީ ސްލިޕް ނަންބަރެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ޕާކިން ސްލޮޓަށް އެދި ފޯމު ހުށަހެޅުމުން ދިން ސްލިޕުގައި، ސްލިޕް ނަންބަރާއި ފޯމު ނަންބަރު ނެތް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕާކިން ސްލޮޓްތަކާ މެދު އާންމުންގެ ކަންބޮޑުވުން އިތުރުވުމާއެކު ސިޓީ ކައުންސިލުން މިއަދު ވަނީ ފޯމު ހުށަހެޅި އެންމެންނަށް ސްލިޕް ނަންބަރެއް ދީ، ގުރުއަތުން ހޮވުނު މީހުންގެ ލިސްޓު އާންމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު