އެޑްވަޓޯރިއަލް

ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭން: ހާއްސަ އިސްކަމެއް ދީފައިވަނީ ރަށްވެހިންގެ ބޯހިޔާވަހިކަމަށް

ގްރޭޓާ މާލެ ސަރަހައްދުގައި މިހާރު މީހުން ދިރިއުޅެން އެންމެ ހިތްފަސޭހަ ތަނަކަށް އޮތީ ހުޅުމާލެއެވެ. ހުޅުމާލޭގައި މީހުން އާބާދުވާން ފެށިތާ މިހާރު 17 އަހަރު ވެފައިވާ އިރު، ހުޅުމާލެއަކީ 50,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކުޅިވަރާއި ވިޔަފާރީގެ ސިނާޔަތްވެސް އެހާމެ ތަރައްގީވެފައިވާ ރަށެކެވެ. އަދި ޕާކުތަކާއި މައިޒާންތައް ގިނަ ހިތްފަސޭހަ ކޮށްލާ މުނިފޫހިފިލުމަށް ނުކުމެ ކޮށްލެވިދާނެ އެތައް ކަމެއް މަގުފަހިވެފައިވާ ރަށެކެވެ. އެޗްޑީސީގެ ގިނަ މަޝްރޫއުތަކުގެ ތެރެއިން ކާމިޔާބު ކަމާ އެކީ ހުޅުމާލެ ތަރައްގީކޮށް އާބާދުކުރުމަކީ ފާހަގަކޮށްލަންޖެހޭ ކާމިޔާބެކެވެ.

ހުޅުމާލެ ތަރައްގީކުރަން ފެށިފައި ވަނީ ގިނަ ދިރާސާތަކެއްގެ އަލީގައި ކަނޑައެޅި ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުންނެވެ. ލޭންޑް ޔޫސް ޕްލޭނަކީ ބިމާއި ގުދުރަތީ ވަސީލަތްތައް އެންމެ ފައިދާހުރި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް އެކުލަވާލެވިފައިވާ ޕްލޭނެވެ.

މި ޕްލޭނުގައި ބިން ބަހާލެވިފައި ވަނީ މައިގަނޑު ގޮތެއްގައި ހުޅުމާލެ ސިޓީގައި ދިރިއުޅުން ބިނާކުރާ ރަށްވެހިންގެ ބޯހިޔާވަހިކަމާއި ތައުލީމާއި ކުޅިވަރު އަދި ދޭންޖެހޭ އަސާސީ ހިދުމަތްތަކަށް ބަލައިގެންނެވެ. ދެން އެންމެ އިސްކަމެއް ދީފައި ވަނީ މަގުތަކާއި އާންމު ސަރަހައްދުތައް ހިނގާބިނގާވެ އުޅުމާއި ދަތުރުފަތުރަށް ފަސޭހަ ގޮތަކަށް ބައްޓަން ކުރުމަށެވެ. ފެހި، ހިތްގައިމު ގިނަ މައިޒާންތަށްވެސް ހިމަނައިގެންނެވެ. މީގެ އިތުރުން ދައުލަތުގެ ބައެއް އޮފީސްތަކާއި ވުޒާރާތަކަށް އަދި ވިޔަފާރިތަކާއި އެހެނިހެން ސިނާއަތްތަކަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައިވެއެވެ.

ހުޅުމާލެ ސިޓީގެ 49 ޕަސެންޓް ހާއްސަކުރެވިފައި ވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. އަދި 33 ޕަސެންޓް ކަނޑައެޅިފައި ވާނީ ރަށްވެހިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ތަރައްގީކުރުމަށެވެ. ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ ބިމުގެ 15 ޕަސެންޓަކީ އަމިއްލަ ފަރާތްތައް ބިން މިލްކުކޮށް ގެދޮރު އިމާރާތްކުރަން ވިއްކާފައިވާ ބިމެވެ. އެގޮތުން ފޭސް 1ގައި 699 ބިން ވަނީ ވިއްކައިފައެވެ. އަދި ފޭސް2 ގައި 32 ބިން ވަނީ ވިއްކައިފައެވެ.

އަދި 54 ޕަސެންޓަކީ ސޯޝަލް ހައުސިން މަޝްރޫއުތަކަށް ކަނޑައެޅިފައިވާ ބިމެވެ. ސޯޝަލް ހައުސިންގެ ހަ މަޝްރޫއުއެއް މިހާރު އަންނަނީ ތަރައްގީކުރެވެމުންނެވެ.

މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 16 ޕަސެންޓް ބިން ކަނޑައެޅިފައިވެއެވެ. މަތީ ފަންތި އަދި ލަގްޒަރީ އެޕާޓްމަންޓުތައް ތަރައްގީކުރުމަށް ކަނޑައެޅިފައިވަނީ 15 ޕަސެންޓެވެ.

ބިމުގެ ދަތިކަމަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެހެން ކަމުން ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭން ބައްޓަން ކުރެވިފައި ވަނީ ރަށްވެހިންގެ ދިރިއުޅުމާއި ގެދޮރުވެރިކަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ. ހުޅުމާލޭގެ އާބާދީ އިތުރުވަމުން ކުރިއަރަމުން އަންނައިރު ރަށްވެހިންގެ ބޭނުންތަކަށް ބަލައި އަސާސީ ހިދުމަތްތައް ދެމެހެއްޓިނިވި ގޮތެއްގައި ތަރައްގީކުރުމަށް ލޭންޑް ޔޫސް ޕްލޭން އަންނަނީ ކޮންމެ ފަސް އަހަރަކުން މުރާޖައާ ކުރަމުންނެވެ.