ބިދޭސީންނަށް މަންފާ ލިބޭ ގޮތަށް ހިންގާ ވިޔަފާރިތަކުގެ ރަޖިސްޓްރީ ބާތިލުކުރާ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިިފިއެވެ.

މި ބިލަކީ 29 ނޮވެމްބަރު 2021 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިސްލާހުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ށ)ގެ ދަށުން ހުރި ބައެއް ނަންބަރުތައް އުނިކުރުމަށް ހުށަހަޅާފައިވެއެވެ. އެ މާއްދާގެ (ށ)ގެ ދަށުން ހުރި ނަންބަރުތަކުގައި ވަނީ އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ މައުލޫމާތުތަކެވެ.

މީގެ އިތުރުން އެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ށ)ގައި، އެ ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީ ކުރެވޭނެ މުއްދަތު ކަމަށް ބަޔާންކޮށްފައިވާ ފަސް (ފަހެއް) އަހަރު ދުވަހުގެ މުއްދަތު މި އިސްލާހުގައި 10 އަހަރަށް ބަދަލުކޮށްފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އާ ކުރުމަށް ގާނޫނުގައި ދީފައިވާ މުއްދަތު 90 ދުވަހުން އެއް އަހަރު ދުވަހަށް އިތުރުކޮށްފައިވެއެވެ.

މި ގާނޫނަށް ގެނައި އިސްލާހުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ވިޔަފާރިއެއް ހިންގުމަކީ، މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ހާލަތެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށައި ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަދައި، ގެޒެޓުގައި ޝާއިއުކުރަންޖެހެއެވެ.