ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުންކުރުމާއި 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރު ބޭސިން ފުންކުރުން ހިމެނެއެވެ.

އޭގެ އިތުރުން 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި އެ ރަށު ބަނދަރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ.