ޚަބަރު

20 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފި

ރިފާ ހަލީލު

އަތޮޅުތަކަށް ފޮނުވަން ނިންމާފައިވާ 20 އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާ އެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ. އެގޮތުން އަތޮޅުތެރޭގެ 20 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

މި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ހެލްތު މިނިސަޓްރީން އަންނަނީ ކުރަމުންނެވެ. އެގޮތުން 20 އެމްބިއުލާންސް ފޮނުވަން ނިންމާފައިވާ ރަށްތަކަކީ، ‏ހދ. ކުމުންދޫ، ށ. ބިލެތްފަހި، ށ. ނަރުދޫ، ނ. ފޮއްދޫ، ނ. ކުޑަފަރި، ބ. ކެންދޫ، އއ. މަތިވެރި، އދ. މަންދޫ، އދ. ފެންފުށި، ފ. ފީއަލި، މ. ކޮޅުފުށި، ތ. ވަންދޫ، ތ. ބުރުނީ، ތ. ދިޔަމިގިލި، ލ. ކުނަހަންދޫ، ގއ. ކޮލަމާފުށި، ގއ. ނިލަންދޫ، ގދ. ރަތަފަންދޫ، އއ. ބޮޑުފޮޅުދޫގެ އިތުރުން މ. ދިއްގަރަށެވެ.

އެމްބިއުލާންސްތައް ފޮނުވަން ނިންމާފައިވަނީ އެންމެ ބޭނުންޖެހިފައިވާ ރަށަތަކަށް ބަލާފައި ކަމަށް މީގެ ކުރިން އެސްޓީއޯއިން ވަނީ ބުނެފަ އެވެ. އަދި ބާކީ ހުރި އެމްބިއުލާންސްތައް ގެނެވޭނެ ތާރީހެއް ސީދާ ނޭނގޭ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މީގެ ކުރިން މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި، މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.