ކުޅިވަރު

ކްލަބު މޯލްޑިވްސްގެ ގަދަ 16 އަށް ތައްޔާރުވެއްޖެ، ފޯރިގަދަވާނެ!

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕުގެ ގަދަ 16 އަށް ޓީމުތައް ތައްޔާރުވެއްޖެއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފޯރިގަދަ މެޗުތައް ނިމި، ގަދަ 16 އަށް ޓީމުތައް ކުރިމަތިލާ އިރު، 100 ޕަސެންޓް ރެކޯޑަކާއެކު ގަދަ 16 އަށް ދިޔަ އެޗްޑީސީން ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. އޭގެ އިތުރުން ފެނަކައާއި ސްޓެލްކޯ ކްލަބް ގަދަ 16 ގައި ކުރިމަތިލާންޖެހޭ އިރު، ގަދަ 16 އަށް ކްލަބު މޯލްޑިވްސްއިން ނެގީ އޯޕަން ޑްރޯއެކެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގަދަ 16 އަށް ދިޔައީ ހަތަރު ޓީމަކުންނެވެ. އެއީ ތަރިންނާއެކު މުބާރާތަށް ނުކުތް ވެމްކޯއާއި ވަރުގަދަކޮށް ފެންނަ އެޗްޑީސީގެ އިތުރުން އެމްޕީއެލްއާއި އެސްޓީއޯއެވެ.

މުބާރާތުގެ ގަދަ 16 ގެ މެޗުތައް

  • މެޗު 1: ޕްރިޒަން ކްލަބް - ޕޮލިސް
  • މެޗު 2: އެމްއޭސީއެލް - އެމްޓީސީސީ
  • މެޗު 3: އެޗްޑީސީ - ދިވެހި ސިފައިންގެ ކްލަބް
  • މެޗު 4: ވެމްކޯ - އެފްއެސްއެމް
  • މެޗު 5: އެމްޕީއެލް - އުރީދޫ
  • މެޗު 6: ދިރާގު - އާރްއާރްސީ
  • މެޗު 7: އެސްޓީއޯ - ޓްރޭޑް ކްލަބް
  • މެޗު 8: ފެނަކަ - ސްޓެލްކޯ

ގަދަ 16ގެ މެޗުތައް ބުދަ ދުވަހުގެ ރޭ 9:15 ފަށައި އިރު، އެރޭ ހަތަރު މެޗު ކުޅޭނެއެވެ. ދެން އޮތް ހަތަރު މެޗު ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެއެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތަކަށް ބަލައިލާ އިރު، ފެނަކަ ޓީމުން އަޔާޒް އަހުމަދު (އަޔާ)އާއި ހުސައިން ޝަރީފް (އޮންލީ) ފަދަ ކުޅުންތެރިންގެ ކުޅުން ފާހަގަވެގެންދިޔައެވެ. މިހާތަނަށް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗެއްގައި އަޔާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އިރު، ގަދަ 16ގައި އޭނާ ނުކުންނާނީ ކުރީގެ ކްލަބު ސްޓެލްކޯއާ ދެކޮޅަށެވެ.

އެޗްޑީސީން ފާހަގަވީ ވަރުގަދަ ޓީމެކެވެ. އަބްދުއްﷲ ޝާފިއު (ޝާއްޕެ) އާއި ރިމާހު އަހުމަދު (ރިމޭ) ފަދަ ކުޅުންތެރިންނާއެކު އެޓީމުން ފޯމުގައި ކުޅެމުން އަަންނަ އިރު، ގަދަ 16ގެ މެޗުގައި ދިވެހި ސިފައިން ކްލަބުން ފައިޓެއް ދޭނެ ކަމަށް ބެލެވެއެވެ. ދިރާގުން ތަރިންގެ އާރުއާރުސީއާ ދެކޮޅަށް ގަދަ 16ގައި ނުކުންނަ މެޗުވެސް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.

އާރުއާރުސީގައި އިބްރާހިމް އަސްވަދު (ގަބޭ)އާއި ހުސައިން ޝިފާއު (ރޮނާ)ގެ ކުޅުން ގުރޫޕް ސްޓޭޖުގައި ފާހަގަވެގެންދިޔައެވެ. އަނެއްކޮޅުން ދިރާގުގައި ހައިޝަމް (ޗުމްޕު) ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ ހުނަރު ފެނިގެންދިޔައެވެ.

ކްލަބު މޯލްޑިވްސް ކަޕުގެ އަންހެން ޑިވިޝަން ކަމަށްވާ 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް މިމަހުގެ 13 ވަނަ ދުވަހު ރޭ ކުޅޭނެއެވެ. އަންހެން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބުން ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ކުޅޭނީ އެމްޕީއެލްއާއި ޕޮލިސް ކުލަބެވެ.