މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން އިމާރާތް ކުރަން ފެށި 1700 ހައުސިން ޔުނިޓަށް ބޭންކް އޮފް ޗައިނާއިން ދޭން އެއްބަސްވި ލޯނު ނުދޭނެކަން އެ ބޭންކުން އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެ 1700 ހައުސިން ޔުނިޓަކީ އެޗްޑީސީއާ ހަވާލުކޮށްގެން ކުރީ ސަރުކާރުން އިމާރާތް ކުރަން ނިންމި 2500 ފުލެޓެވެ. ނަމަވެސް ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ނިންމީ އެ ފުލެޓުތަކުގެ ޑިޒައިނަށް ބަދަލު ގެނެސް, 1700 ފުލެޓް އިމާރާތް ކުރާށެވެ.

އެ ހައުސިން ޔުނިޓުތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާ ގުޅިގެން ހިންގާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން 15 އަދި 16 ބުރީގެ 11 ޓަވަރު އިމާރާތް ކުރަން ހަމަޖެހިފައި އޮތް އިރު, އެ ޔުނިޓުތަކުގެ ބިންގާ އަޅާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ.

މި މަޝްރޫއުއަށް ހަރަދުކުރާ ޖުމުލަ 308,177,181 ރުފިޔާގެ ތެރެއިން 85 ޕަސެންޓް ދޭން އެއްބަސްވެފައި އޮތީ ބޭންކް އޮފް ޗައިނާއިންނެވެ. އެގޮތަށް އެއްބަސްވެފައި އޮތީ 2018 ވަނަ އަހަރެވެ.

ނަމަވެސް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރާ އައިލްސް ވެބްސައިޓުގައި ބުނެފައިވާ ގޮތުން, އެ ބޭންކުން މިހާރު ވަނީ ފައިނޭންސިން އޮފާ ވިތުޑްރޯކޮށްފައެވެ. އެކަމާ ގުޅިގެން ކޮންޓްރެކްޓަރު މިހާރު އެހެން ބޭންކަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވެބްސައިޓުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިިނިސްޓްރީގެ މީޑިއާ އޮފިސަރަށް ގުޅުމުން ވިދާޅުވީ، މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާކުރާނެ ކަމަށެވެ.

އެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާ އިރު, މަޝްރޫއު ފެށޭނެ ކަމަށް ބުނެފައިވާ ތާރީހަކީ އަންނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހެވެ.