ހެލްތު ޓްރަސްޓު ފަންޑަށް ފައިސާ ހޯދުމަށް އައިޖީއެމްއެޗުގައި ބަހައްޓާފައި ހުރި ފަންޑު ފޮށި ވަގަށް ނެގި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މެއިން ކައުންޓަރު ކުރިމަތީގައި ހުންނަ ގޮނޑި ބަރި ކައިރީ ކަނެއްގައި ބަހައްޓާފައި ހުރި މި ފަންޑު ފޮށި ވަގަށް ނެގީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެެއްގަ އެވެ. މި މައްސަލަ ފުލުހަށް ހުށަހެޅީ ޖެހިގެން އައި ދުވަހު ހެނދުނު 10:00 ހާއިރުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދެވެން އޮތް މައުލޫމާތަކީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން އެކަނި ކަމަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު މީގެ ކުރިން "ވަން" ވިދާޅުވީ ފަންޑު ފޮށި ފެންނާނެހެން ސީސީޓީވީ ކެމެރާއެއް ހުންނާނެ ކަމަށެވެ. އަދި ވައްކަން ކުރި ރޭގެ ފުޓޭޖުތައް ހުންނާނެ ކަމަށާއި ފުލުހުންގެ ތަހުގީގަށް މި ފުޓޭޖުތައް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން މިކަން ޔަގީނެއް ނުކޮށްދިނެވެ.

އައިޖީއެމްއެޗުގައި 24 ގަޑި އިރު ސެކިއުރިޓީ ބަލަހައްޓަން ފުލުހުންނާއި އެ ހޮސްޕިޓަލުގެ މުވައްޒަފުން ތިބޭ އިރު، މި ފަންޑު ފޮށި ވަގަށް ގެންދިޔަ ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ސީސީޓީވީ ކެމެރާތަކުން އެ ހޮސްޕިޓަލުގެ ވޯޑުތަކުގެ އެތެރެ ފިޔަވައި އެހެން ހުރިހާ ދިމާލެއް ފެންނަން ހުންނާނެ ކަމަށް ވެސް އައިޖީއެމްޗުން ބުނެއެވެ. އަދި ސެކިއުރިޓީ ބެލެހެއްޓުމަށް 24 ގަޑި އިރު އައިޖީއެމްއެޗުގެ މުވައްޒަފުންނާއި ފުލުހުން ތިބެ އެވެ.