ކޮވިޑު ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 255 އަށް އަރައިފިއެވެ.

އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުން މިއަދު ބުނީ އައްޑޫ ކޮވިޑު މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 79 އަހަރުގެ ފިރިހެނަކު ރޭ 9:30 ގައި މަރުވެފައިވާ ކަމަށެވެ.

މާލެ ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑު ބަލީީގައި މަރުވެފައި ވަނީ އައްޑޫ ސިޓީންނެވެ. މިއީ އައްޑޫ ސިޓީން މަރުވި 12 ވަނަ މީހާއެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 255 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 238 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.